ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ޖާބިރަށް ހަމަލާދީ އއ. މަތިވެރީގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް ޖެހި ހަތް ދުވަސް ވަނީ ހަމަވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މިއަދު ވިދާޅުވީ އެ މީހުންގެ ބަޔާން ނެގުމަށް ފަހު ދެ މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މައްސަލަ ގޯސްވީ އެރަށުގައި ހުންނަ އޭނާގެ ގެސްޓްހައުސް، ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވައެވެ.
މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވައެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް އަޑުއުފުލައި އޭނާ އެ ރަށުން ފައިބަން ގޮވާލާ އިހުތިޖާޖު ކުރިއެވެ. އެ ހަމަނުޖެހުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފައެވެ.
ޖާބިރު އެރޭ މަތިވެރިން ފައިބައިވަޑައިގެންނެވީ ފުލުހުންގެ ހިމާޔާތާއި ރައްކާތެރިކަމުގައެވެ. ފަހަކަށް އައިސް ޖާބިރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭނާގެ ފަރާތްޕުޅުން ތަފާތު އެތައް ކަމެއް ފެންނަމުން ދެއެވެ.
ކޮމެންޓު ފޮނުވާ