ރާއްޖޭގައި ފައިޒާ ވެކްސިންގެ ދަވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން މިރޭ ހުޅުވާލައިފިއެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަންޏެވެ. ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާދީފައެވެ.
ބޫސްޓާ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށްވެއެވެ. މި ވަގުތު ފައިޒާ ވެކްސިނުން އެކަނި ބޫސްޓާ ޑޯޒް ދޭން ނިންމާފައިވާއިރު އެޗްޕީއޭ އިން ބުނި ގޮތުގައި އެ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަންޏެވެ.
ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތައް
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
- ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން)
- ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
- ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
- އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
- އޮކްސިޖަން ތެރެޕީ ނަގާ މީހުން
- ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
- ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
- ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން
އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9 އިން މެންދުރު 2 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ މެންދުރު 1 އިން 3 އަށެވެ. ކުރިން އެޗްޕީއޭ އިން ކުރި އިއުލާނުގައިވާ ގޮތުން ބޫސްޓާ ޑޯޒް ވިލިމާލޭ ހޮސްޕިޓަލުން ވެސް ޖަހައިދޭނެ އެވެ. އެކަމަކު އެ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނެ ގަޑިއެއް މިރޭ ކުރި އިއުލާނުގައި ނެތެވެ.