އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ރާއްޖެ މައްޗަށް ހޯދުނު މޮޅު ޚާއްޞަ ކުރީ މީގެ ދެދުވަސްކުރިން ނިޔާވި އޭނާގެ ބޭބެއަށް ކަމަށް ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ ނޭޕާލުގެ ކޯޗު ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ މުބާރާތުގެ ފުރަތަމަ މެޗުގެ ޕްރީ މެޗުގެ ޕްރެސް ކޮންފަރެންސްގައި ސަރަހައްދުގެ ހުރިހާ މީޑިއާއެއްގެ ކުރިމައްޗަށް ހާޒިރުވާން ހަމަޖެހިފައި އޮތް ދުވަހެވެ. އެކަމަކު ކުއްލި ގޮތަަކަށް އެ ދުވަސް ބަދަލުވީ އޭނާ އަށް އައި އެންމެ ހިތާމަވެރި އެއް ދުވަހަށެވެ.
މިހިތާމަވެރި ދަނޑިވަޅުގައި މެޗަށްފަހު ވާހަކަދައްކަމުން ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނީ މިއީ ބުނަންވެސް ނޭނގޭ ފަދަ އިހުސާސްތަކެއް ގެނުވި މެޗެއްކަމަށެވެ. މިހާތަނަށް ރާއްޖޭގެ މައްޗަށް ކާމިޔާބެއް މިހާތަނަށް ހޯދިފައެއް ނުވާއިރު، ރާއްޖޭގައި އަދި ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދުމަކީ ވަރަށް ހާއްސަކަމެއްކަމަށެވެ. ނޭޕާލް ކޯޗް ބުނީ މިކާމިޔާބީ ބޭބެއަށް ހާއްސަ ކުރާއިރު، މިއީ ވަރަށް އުނދަގޫ ވަތުކޮޅެއްކަމަށެވެ. ބޭބެ ނިޔާވުމުގެ ހިތާމައިގައި އުޅެނިކޮށް، ނޭޕާލް ގޮވައިގެން ނިކުމެ، ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދުމާއި ގުޅިގެން ހިތާމަވެރިކަމާއި އުފާވެރިކަމުގެ އިހުސާސްތައް ވެސް ކުރެވޭކަމަށް ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުންޏެވެ.
އަހަރެމެން ވަރަށް ރަނގަޅަށް ރާއްޖެ ދަސްކުރިން މެޗުގެ ކުރިން. އެ މީހުން ކުޅޭ ގޮތާ ހުރިހާ ގޮތެއް ދިރާސާކުރިން. ޢަލީ އަޝްފާގަށް ބޯޅަ ލިބުނީމަ ޓީމު މޫވްކުރާގޮތާ ހުރިހާ ގޮތެއް ބެލިން. އަހަރެމެންނަށް އެނގޭ ރާއްޖޭގައި މި މެޗު ކުޅޭތީ އަހަރެމެންނަށް އެނގޭ މެޗު 0-0 އިން އެއްވަރުވެފައި. ނޫނީ 1-0 އިން އަހަރެމެން ކުރީގައި އޮއްވައި ހިނގާ ކޮންމެ މިނިޓެއްގައި ސަޕޯޓަރުންގެ އުއްމީދުތަކާ ހުރިހާ ކަމެއްގެ ޕްރެޝަރު ރާއްޖެ އަކީ ހޯސްޓްވީމަ އޮންނާނެކަން. އެއީ ރާއްޖެ އަށް އިތުރުވާނެ ދެ ގުނަ ޕްރެޝަރު އެ ފައިދާ އަހަރެމެން ނެގީ. ކުރި މަސައްކަތަށް ބަލާއިރު މިއީ ހައްގު މޮޅެއް.
– ކޯޗް މުތައިރީ ބުންޏެވެ.
ބޮޑު ބޭބެގެ ފަހު ދުވަސްވަރު އޭނާ އަށް ޒިޔާރަތް ކުރާނެ ފުރުސަތެއް އަލް މުތައުރީ އަށް ނުލިބުނެވެ. އޭނާ އަށް ޖެހުނީ ނޭޕާލްގެ ޓީމާއެކު އެކި ތަންތަނަށް ދަތުރު ކުރާށެވެ. މުތައުރީގެ އަމިއްލަ ސިއްހަތާ މެދު ވެސް ބައެއް ފަހަރު އޭނާ އަށް ސަމާލުކަން ނުދެވުނެވެ.
މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ކުރިން ނޭޕާލުން އެންމެ ފަހު މެޗަކަށް ކުޅުނީ އޮމާނާ ދެކޮޅަށެވެ. އެ މެޗުން 7-2 އިން ނޭޕާލް ބަލިވުމުން އެ ޓީމަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި ކަން ފާހަގަކޮށް މުތައިރީ ބުނީ އޭނާވެސް އެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު، އެ ފަދަ މެޗުތައް ނަތީޖާ އަށް ނުބަލައި ކުޅޭ ސަބަބަކީ އޭގެއިން ލިބޭ ތަޖުރިބާގެ ބޭނުން ހިފައި ކުޅުންތެރިންނަށް ކުރިއަށް ދެވޭނެތީކަމަށް މުތައިރީ ބުންޏެވެ.
ކޮމެންޓު ފޮނުވާ