އިސްލާމްދީނަށް ކުޑައިމީސްކޮށް ކާށިދޫ ޑާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އޭނާ ހައްޔަރުކޮށް، ތަޙުޤީޤުކޮށް، ޝަރުޢީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ގޮވާލައިފިއެވެ.
ކާށިދޫ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ނެރުނު ގަރާރުގައި ވަނީ، ކީރިތިވަންތަ މާތް ﷲ ގެ ޙަޟުރަތުގައި ގަބޫލުވެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް، ޤުރުއާނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވާފައި ވުމާއެކު، ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ މުސްލިމުން ކަމުގައިވެ، އަދި މުސްލިމަކަށް މެނުވީ ދިވެހި ރާއްޖޭގެ ރަށްވެހިކަން ނުލިބޭ ގޮތަށް ގާނޫނު އަސާސީގައި ލިޔެ ކަނޑައަޅާފައިވާކަމަށެވެ. އަދި ޣައިރު ދީންތަކުގެ ޝިޢާރުތައް ދިވެހި ރާއްޖޭގައި ފާޅުކުރުމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނުން މަނާކޮށް އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށްވެސް ކައުންސިލްގެ ޤަރާރުގައިވެއެވެ.
ކައުންސިލްގެ ގަރާރުގައި ޤުރުއާނުގެ އާޔަތްތަކުގެ މުރާދާއި މަޤުޞަދު އޮޅޭ ގޮތަށް، އަދި އިސްލާމްދީނުގެ މަތިވެރި ޙުކުމްފުޅުތަކުގެ ހައިބަތު ގެއްލި، އިލާހީ ޙުކުމްފުޅުތަކަކީ، މި ޒަމާނާއި މުޖުތަމަޢާ އެކަށީގެން ނުވާ ބޯދާ ޙުކުމްތަކެއް ކަމަށް މީހުންނަށް ހީކުރުވައި، ތިމާ އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި، ތިމާ ބޭނުންވާހައި ގޮތަކަށް އުޅެވިދާނެ ކަމުގެ ނުރައްކާތެރި ވިސްނުން ފެތުރުމުގެ ގޮތުން މަސައްކަތްތެރިންގެ ގޮތުގައި ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެމީހުންގެ ބާޠިލު ދީންތަކުގެ ޝިޢާރުތައް ޢާންމުކޮށް، ފާޅުގައި އަޅުކަން ކުރެވޭ ގޮތަށް، އެ ދީންތަކުގެ ފައްޅިތަކާއި އަޅުކަން ކުރާ ތަންތަން
ރާއްޖޭގައި އެޅުމަށް، ފުރުޞަތު ފަހިކޮށްދީ ދީނީ މިނިވަންކަން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ހ. ތިމާވެށި ޢަބުދުﷲ ޖާބިރު، އެ މަޖިލީހުގައި ވަކާލާތުކޮށްފައި ވާތީ، އޭނާ އިސްލާމްދީނުގެ އަސްލުތަކާއި ދިވެހި ރާއްޖޭގައި ޢަމަލުކުރުމަށް ހެދިފައިވާ ގާނޫނުތަކާ ޚިލާފުވެފައި ވާތީ، އެކައުންސިލުން، އޭނާގެ އެ ވާހަކަތަކާއި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.
އަދި ޖާބިރު ހައްޔަރުކޮށް، ތަޙުޤީޤުކޮށް، ޝަރުޢީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާއާ މެދު އެޅުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ކާށިދޫ ކައުންސިލުން ވަނީ ގޮވާލައްވާފައެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ހ. ތިމާވެށި ޢަބުދުﷲ ޖާބިރު، ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި މަޖިލީހުގައި ދެއްކެވި ވާހަކައަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކޮށް އެނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް މިދާއިރާގެ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމާއި، މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާ ދާރުކަމާއިއެކު، ދާއިރާގެ ރައްޔިތުންގެ އިޙްސާސްތަކަށް ބެއްލެވުމާއިއެކު، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށްދެއްވުމަށް ޢަބްދުﷲ ޖާބިރުއަށް ނަސޭހަތްތެރިވަމެވެ.
– ކާށިދޫ ކައުންސިލްގެ ޤަރާރު
ޖާބިރުގެ ވާހަކަތައް ކުއްވެރިކޮށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ކާށިދޫ ކައުންސިލުން ޤަރާރެއް ނެރެފައިމިވަނީ، މިހަފްތާގެ ބުދަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރުވަނީ، މިރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަން ކުރުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށް ވިދާޅުވެ، "މި ރާއްޖެއަކީ ޔުނިވާރސަލް ޕްރެކްޓިސްއެއް" އޮންނަން ޖެހޭ ގައުމެއް ކަމުގައި ވިދާޅުވުމާއި ގުޅިގެންނެވެ.
ޝަރިއްޔާ ތަހުޒީބު. ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅާ އެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގަ މާ މޮޅު ދީންވެރިއަކު ނުއެއް ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް، لَكُمْ دِينُكُمْ وَلِىَ دِينِ މި ގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާގަ އުޅެވެން ވާނެޔޭ،
– ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވެފައި ވެއެވެ.
ޖާބިރުގެ މިވާހަކަތަކާއި ގުޅިގެން އެކަން މަޖިލީހުގެ އިދާރާއިން ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އަދި ޖާބިރުގެ މިވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. ދީނާއި ޚިލާފަށް ޖާބިރު ދެއްކެވި ވާހަކަތައް ރިޔާސަތުން ހުއްޓުވާފައެއްވެސް ނުވެއެވެ. ރިޔާސަތުގައި އެވަގުތު އިންނެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އެވެ.
ކޮމެންޓު ފޮނުވާ