ޖަޕާނުގެ އާ ބޮޑުވަޒީރަކަށް ވެޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ފުމިއޯ ކިޝިޑާ އިންތިޚާބު ކޮށްފި

ޖަޕާނުގެ އާ ބޮޑުވަޒީރަކަށް ވެޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ފުމިއޯ ކިޝިޑާ އިންތިޚާބު ކޮށްފި

Author
ހުސެއިން
29 ސެޕްޓެމްބަރ 2021 11:51
0

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރަކަށް ފުމިއޯ ކިޝިޑާ އިންތިޚާބު ކޮށްފިއެވެ. އަދި އަންނަ ހަފްތާގައި އޭނާ ޖަޕާނުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެއެވެ.

ޖަޕާނުގައި ކުރިން ފޮރިންގ މިނިސްޓަރުކަން ކުރައްވާފައިވާ ފުމިއޯ ކިޝިޑާ ވެރިކަން ކުރާ ޕާޓީ އެލްޑީޕީގެ ލީޑަރަކު އިންތިޚާބުކުރުމަށް ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބު މިއަދު ކާމިޔާބު ކުރައްވާފައިވަނީ، އިތުރު ތިން ކެނޑިޑޭޓަކާ ވާދަ ކުރައްވައިގެންނެވެ. މީގެތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ދެ އަންހެން ކެނޑިޑޭޓަކާއި އިތުރު ފިރިހެން ކެނޑިޑޭޓެކެވެ.

މިގޮތުން އެލްޑީޕީގެ ލީޑަރޝިޕް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފުމިއޯ ކިޝިޑާއާއި އާއި ވާދަކުރި ދެ އަންހެން ކެނޑިޑޭޓުންނަކީ ޖަޕާނުގައި ކުރީގެ އިންޓާރނަލް އެފެއާޒް މިނިސްޓަރުކަން ކުރައްވާފައިވާ، އުމުރުން 60 އަހަރަށްވުރެ މިހާރު މަތިވެފައިވާ ސެއިކޯޯ ނޮޑާއާއި، ސަނާއީ ޓަކައިޗީއެވެ. ކިޝިޑާއާއި ވާދަކުރެއްވި އަނެއް ކެނޑިޑޭޓަކީ ޖަޕާނުގެ ކޯވިޑް19 ވެކްސިން ޕްރޮގްރާމްގެ ކަންކަމާ ހަވާލުވެ ހުންނެވި މިނިސްޓަރ ޓަރޯ ކޮނޯއެވެ.

ޖަޕާންގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރޝިޕަށް ވާދަކުރެއްވި 4 ކެނޑިޑޭޓުން

ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ބަރުލަމާނީ ނިޒާމެއް އޮންނަ ޖަޕާނުގައި މިހާރުވެސް ވެރިކަން ކުރަމުންދާ ޕާޓީ ކަމުގައިވާ އެލްޑީޕީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅަކުން ވެގެންދާނީ ކުރިޔަށް އޮތް އާންމު އިންތިޚާބަށްފަހު އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ބޭފުޅަކު ކަމުގައެވެ.

މި އިންތިޚާބުގައި ވާދަކުރެއްވި ދެ އަންހެން ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް އިންތިޙާބު ކާމިޔާބު ކުރެއްވުނުނަމަ، ވެވަޑަގަތީހީ ޖަޕާނުގެ ތާރީޚުގައި ވެވަޑައިގަންވާ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށެވެ. މިހާތަނަށް އައިއިރު، އެލްޑީޕީގެ 66 އަހަރުގެ ތާރީޚުގައި ރަސްމީކޮށް އެޕާޓީގެ ލީޑަރޝިޕަށް ވާދަކޮށްފައިވަނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މިހާރުގެ ގަވަރުނަރު ޔުރިކޯ ކޮއިކެއެވެ.

ޖަޕާން ހިމެނިގެންދަނީ މުޅި ދުނިޔޭގައިވެސް، ސިޔާސީ މަސްރަހުގައި އެންމެ މަދުން އަންހެނުން ހަރަކާތްތެރިވާ އެއް ގައުމު ކަމުގައެވެ.

ޖަޕާނުގައި ކުރިން ފޮރިންގ މިނިސްޓަރުކަން ކުރައްވާފައިވާ ކިޝިޑާ މިއަދުގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ، 4 ކެނޑިޑޭޓުންގެ މެދުގައި ބޭއްވުނު އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ނުލިބުމުން، ދެވަނަ ބުރުގައި ޓަރޯ ކޮނޯއާއި ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.