އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ފައިސާގެ ބޮޑެތި ޢަދަދުތައް ޖަމާވި އެސްއޯއެފް ކުންފުންޏަށް ދަޢުވާ ނުކުރުމަށް އެއްވެސް އިރެއްގައި އެއްބަސްވުމެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލުހުކުމުގެ އިސްތިއުނާފް އަޑުއެހުމުގައި ސުޕްރީމް ކޯޓުގައި ޕީޖީގެ ވަކީލް ވިދާޅުވެފައިވަނީ، އެސްއޯއެފް ކުންފުނީގެ މީހުންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާ ކަމަށާއި، އެއީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެ މީހުންގެ އެހީތެރިކަން މުހިންމުވާތީ ކަމަށެވެ.
މި މައްސަލާގައި އޮންލައިން ނޫސް މިހާރަށް ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ، ޖިނާއީ ދައުވާ ނުކުރުމަށް އެއްބަސްވުމެއް އޮތީ އެސްއޯއެފްގެ ވެރިޔާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާއާ ބައިވެރިވި އެހެން ބައެއް މީހުންނަށްކަމަށެވެ. އެއީ ކުރީގެ ޕީޖީ އާއިޝަތު ބިޝާމް ހަދާފައިވާ އެއްބަސްވުމެއްކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ، އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމުމެއް ނުވަތަ އެއްބަސްވުމެއް ނެތުމުން އެ ކުންފުނީގެ މައްޗަށް ދައުވާކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެކަމަށެވެ.
ޕީޖީ ވިދާޅުވީ، ކޯޓުގައި ކުރިއަށްދަނީ ވައްކަންކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކުވާ ހާލަތެއް އޮއްވައި ފައިސާ އަނބުރާ ނުދީ އެއިން މަންފާ ހޯދުމުން ކުރި މަނީ ލޯންޑަރިންގެ ދައުވާއެއް ކަމަށެވެ. އެއީ ސީދާ އެސްއޯއެފްގެ މައްސަލައެއް ނޫން ކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.
ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ސުޕްރީން ކޯޓުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ، އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން ހުރީ ޗެކުތައް މެދުވެރިކޮށް، ޖަމާކުރި ފައިސާ އެކަނި ކަމަށެވެ. އެހެން ގޮތްގޮތަށް ޖަމާކުރި ފައިސާ ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ. ނައުފަލް ވިދާޅުވީ، ފައިސާތައް ހޯދުމަކީ މުހިންމު ކަމަކަށް ވާއިރު، އެ ފައިސާތައް ހޯދެން އޮތީ އެސްއޯއެފްގެ މީހުން ދޭ ހެކިބަހުގެ މައްޗަށް ކަމަށެވެ.
އެސްއޯއެފްގެ ދެ މީހެއްގެ ބަޔާން ނަަގައި ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް އެ މީހުންގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ބަޔާންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނަށް ގުޅުއްވައި އެ ޗެކު ޖަމާވިކަމަށް ވިދާޅުވި ހިސާބުން އެ މައްސަލަ ބެއްލެވުމަށް އެންގެވި ކަމަށެވެ. ނަމަވެސް އެކަން އެއްވެސް ރަސްމީ ލިޔެކިޔުމަކުން ފެންނަން ނޯންނާނެ ކަމަށާއި އެކަން އެންގީ ފޯނުން ކަމަށް ވިދާޅުވިއެވެ.
އެސްއޯއެފް އެކައުންޓާ ގުޅިގެން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްސަވާފައި ވަނީ އެ އެކައުންޓްގައި ހުރި ހުރިހާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތޯ އެވެ. އަދި އެކުންފުނީގެ ކޮންމެ ފައިސާ އަކާ ގުޅިގެން ދައުވާ ކުރަން ޖެހޭނެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ވަކީލް ވިދާޅުވެފައި ވަނީ އެ އެކައުންޓްގައި ހުރި ހުރިހާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކޮށްދެވެން ނެތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ޝައްކު އުފެދޭ ހާލަތެއް އުފަންވެފައި އޮތް ކަމަށެވެ.
ފަނޑިޔާރު މަހާޒު ދެން އެއްސެވީ ޝައްކު ކުރެވޭ ފައިސާއަށްވާއިރު ދެ ގޮތަކަށް މައްސަލަ ފުރޮޅިދާނެ ކަމަށެވެ. ރަނގަޅަށް މައްސަލަ ފުރޮޅިއްޖެނަމަ ނުވަތަ އެ ފައިސާ އަކީ ރަނގަޅު ގޮތުގަ ލިބިފައިވާ ފައިސާކަން ހާމަވެއްޖެމަ ދެން ވާނީ ކިހިނެއްތޯ އެއްސެވިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާތައް ޖަމާކޮށް އެކި މީސްމީހުންނަށް ބަހާފައި ވަނީ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށެވެ. މިކަމުގައި އެސްއޯއެފް ކުންފުނީގެ މީހުން ވެސް ވަނީ ޝާމިލްވެފައެވެ.
އެސްއޯއެފްގައި އިސްކޮށް އުޅުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް މީހުން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. ނަމަވެސް އެ ނޯޓިސް ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެމީހުން އަދިވެސް ދިރިއުޅެމުން ދަނީ ރާއްޖެއިން ބޭރުގައެވެ.
One Response
އުންސުރާއި ފަންސުރު ހިމެނި، ފޮތްނުކިޔާ އެމް.ޑީ.ޢެން ގެ އެއްމެ އިސް ފައުންޑަރ ދަށްކާ ކުރީގެ ނައިބުންގެ ދިފާއީ ވަކީޅަކަށް އިސްވެހުރެ ހާވާ ހަޑި ތިގޮވަނީ އަތަށް