ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަަ މެޗުގައި ވަރުގަދަ ވިއެޓްނާމް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ ކޮލިފައިންގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 0-16 ގެ ބޮޑު ތަފާތަކުންނެވެ. މިއީ ވިއެޓްނާމުގެ އަންހެން ފުޓުބޯޅަ މިހާ ފަރަގު ބޮޑުކޮށް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވިއެޓްނާމުން ވަނީ ރާއްޖޭގެ އަންހެން ޓީމު ކޮޅަށް 5 ލަނޑު ޖަހާފައެވެ. އަނެއް ލަނޑުތައް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.
އިންޑިއާގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންއަށް ރާއްޖޭގެ ޓީމު ދިޔައީ ވަރަށް ޒުވާން ސްކޮޑަކާއެކުއެވެ. ވިއެޓްނާމްގެ ޓީމަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަވެސް ވަރަށް ވަރުގަދަ ޓީމެކެއެވެ.
ކޮލިފައިންގެ ގްރޫޕު ބީގައި ރާއްޖެއާއެކު ދެން ހިމެނެނީ ވިއެޓްނާމާއި ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ. މީގެ ތެރެެއިން އަފްގާނިސްތާން ގައުމީ ޓީމު ވަނީ މިހާރު ކޮލިފައިން އިން ވަކިވެފައެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ކޮލިފައިން މެޗުތައް ކުރިޔަށްދާ ތަޖިކިސްތާނާ ދެކޮޅަށެވެ.