މިލިޔަނުން ފައިސާ ނުދައްކާތީ ދެކޮޅު ހެދުމުން އެންމެފަހުން ކުށްވެރިވީ ރައްޔިތުން!

މިލިޔަނުން ފައިސާ ނުދައްކާތީ ދެކޮޅު ހެދުމުން އެންމެފަހުން ކުށްވެރިވީ ރައްޔިތުން!

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2021 02:14
0

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އއ.މަތިވެރީ ކައުންސިލަށާއި، އޭނާގެ މުވައްޒިފުންނަށް ދޭންޖެހޭ ފައިސާ ނުދައްކާތީ ރައްޔިތުން އޭނާއާއި ދެކޮޅަށް ނިކުތުމުން، ފުލުހުން ނިކުމެ ރައްޔިތުން ހައްޔަރުކޮށްފިއެވެ.

ޖާބިރު މަތިވެރީގެ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަން ރުފިޔާ ނުދައްކާހުރިއިރު، އެކަން މިހާތަނަށް ބެލި އެއްވެސް އިދާރާއެއްނެތެވެ. އަދި އެރަށު ރައްޔިތުންގެ ތެރެއިން ޖާބިރު ވަޒީފާ ދީގެން ގެންގުޅޭ ބައެއް މީހުންނަށް އެތައް ދުވަހަކު މުސާރަ ނުދީވެސް ހުރިކަމަށް މަތިވެރިން ޚަބަރު އޮންލައިނަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށާއި، ކައުންސިލް ރައީސަށް މަރުގެ އިންޒާރުދީ، އަވަގުރާނަ ގޮވައި، ހިތުހުރި އެއްޗެއް ކިޔުމަށްފަހު މަތިވެރިއަށް އަރަން އުޅުމުން އޭނާ އެރަށަށް އަރަން މަތިވެރީ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނިކުމެ ހަމަނުޖެހުން ހިންގާފައެވެ. މިހާދިސާގައި ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތް ހޯދާފައެވެ. ފުލުހުންގެ ބެލުމުގެ ދަށުން އެރޭ ދަންވަރު މަތިވެރިން އޭނާ ވަނީ ފައިބާފައެވެ.

މަތިވެރިން ފޭބުމަށްފަހު ޖެހިގެން އައިދުވަހު، ޖާބިރުވަނީ މަޖިލީހަށް ގޮސް މަޖިލީހުގައި މަތިވެރިން އޭނާއަށް ހަމަލާދީފައިވާ ކަމަށާއި، ހަަމަލާދިނީ މަތިވެރީގެ އައިސްއައިސް ބަޔަކު ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިހާތަނަށް ކަމާއިބެހޭ އެއްވެސް އިދާރާއަކުން ނެރުނު އެއްވެސް ލިސްޓެއްގައި މަތިވެރީގެ އެއްވެސް މީހަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހަކު އުޅޭ ރަށެއްކަމެއް އެނގިފައި ނުވެއެވެ.  ޖާބިރު މަތިވެރީގެ ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދެއްކުމުން އެކަން ނުބަލައި ކަމާއި ބެހޭ ފަރާތްތަކުން ރައްޔިތުން ހައްޔަރުކޮށް ހެދުމަކީ ރައްޔިތުންނަށްދޭ ވަރަށް ބޮޑު ނިކަމެތި ކަމެއްކަމަށް އެރަށުން ވާހަކަ ދެއްކެވި މީހަކު ބުނެފައިވެއެވެ.

މަތިވެރީގެ އެންމެ ރީތި ސަރަހައްދުން ގެސްޓު ހައުސް ހިންގަން ޖާބިރުގެ ކުންފުންޏަށް ދީފައިވާއިރު، އެތަނުގެ ކުލި އެތައް ދުވަހަކު ނުދައްކައި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު މިކަން ކަމައިބެހޭ ފަރާތްތަކުން ނުބަލައި އޮތުމަކީ ކަންބޮޑުވުކަމެއްކަމަށެވެ. އޭނާ ވަނީ މިކަން ތަހުގީގްކޮށް މަތިވެރީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.