ހެލްކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރެވިއްޖެ

ހެލްކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރެވިއްޖެ

އިންޑިއާގެ އެހީގައި ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންގެ ޕައިލެޓުން މަތިންދާބޯޓުތައް ދުއްވަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓް ދުއްވަން ދިވެހި ސިފައިންގެ ފައިލެޓުން ތަމްރީނު ކުރަމުން އަންނަ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެފައިވަނިކޮށެވެ. ސުދީރު ވިދާޅުވީ ތަމްރީނު ހަދަމުންދާ ދިވެހި ސިފައިންގެ ތެރެއިން ތިން މީހަކު ތަމްރީނަށް ފަހު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެކަމުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ކުރުމުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އަދުނާން ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ސިފައިން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ތަމްރީނު ކުރި ޕައިލެޓުން ވަރަށް އަވަހަށް އެ އުޅަނދުތައް ދުއްވަންވެސް ފަށާނެ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ ބޯޓުތަކަކީ މަދަނީ އުދުހުންތަކުގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓުތަކާ ހިލާފަށް، އަސްކަރީ ސާވައިލެންސް މަސައްކަތްތަކަށް ބޭނުންވާާ ވަސީލަތްތައް ގާއިމު ކޮށްފައިވާ އުޅަނދުތަކެކެވެ. ހަަމައެކަނި ޕައިލެޓް ތަމްރީނު ހަދައިގެން އެފަދަ ބޯޓުތައް އޮޕަރޭޓް ނުކުރެވެނީ އެހެންވެ އެވެ. މަތިންދާބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ ޕައިލެޓުންނާއި ޓެކްނިކަލް މީހުން ހަރަކާތްތެރިވާތީ އިދިކޮޅު ބައެއް ފަރާތްތަކުން އިންޑިއާއަށާއި ދިވެހި ސަރުކާރަށް ވެސް ގެންދަނީ ފާޑުކިޔަމުންނެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ހެލިކޮޕްޓަރު އޮންނަނީ އައްޑޫގަ އެވެ. އަނެއް ހެލިކޮޕްޓަރު ގެނެސް ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާ ސިފައިންނެވެ.

އެ އުޅަނދުތައް ދުއްވަން ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަަމަށް ތުހުމަތު ކުރެވޭއިރު ސިފައިންގެ ސާފު އަދަދެއްވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ. ކުރީ ސަރުކާރުގެ ވެރިން ވިދާޅުވާ ގޮތުން ހެލްކޮޕްޓަރު ދުއްވުމުގެ ނަމުގައި 50 ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *