ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިންހަމާލގާއި ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ޝަރީޢަތުގައި އިއުތިރާފްވެއްޖެއެވެ.
އަދުހަމް ދައުވާތަކަށް އިއުތިރާފްވެފައިވާއިރު، މެއިމަހުގެ 6 ވަނު ދުވަހު ދެވުނު ނިރުބަވެރި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދާއިއެކު އިޢުތިރާފްގެ އެއްބަސްވުން ހަދައި ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ކުރިން ވިދާޅުވެފައިވެއެވެ. އޭނާއާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 20 އަހަރުގެ ހުކުމަކާއި، 3 އަހަރުގެ ހުކުމަކާއިއެކު ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އެއްބަސްވުމެއް ހަދާފައިވެއެވެ.
ރޮސެކއިޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އަދުހަމްއާއިއެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 4 ދައުވާއެއް އުފުލިގެންދާނެކަމަށެވެ. އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. ޕީޖީ ވިދާޅުވީ މިމައްސަލާގައި އަދުހަމްއައިއެކު އެއްބަސްވުނުން ހެދުމުން އޭނާގެ މައްޗަށް އަންނަ 37 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވެގެން ދާނެކަމަށެވެ.
ކްރިމިނަލް ކޯޓްގައި މިއަދު އޮތް ޝަރީޢަތް ފެށިގެން ވަކި ހިސާބަކަށް ދިޔަފަހުން އަދުހަމާއި ދައުލަތުން އެދިގެން ޝަރީޢަތް ސިއްރުކުރިއެވެ. އެގޮތުން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތަކެއްވާނަމަ އެ ވާހަކަތައް ހިއްސާކުރުމަށްފަހު ޝަރީއަތް އަނެއްކާވެސް ޢާންމުކުރާނެއެވެ.
އަދުހަމްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން އިއުތިރާފް އެއްބަސްވުމުގެ ތެރެއިން ކުރިއަށް ނުގެންދާނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ އިއުތިރާފް އެއްބަސްވުން ހެދެނީ ޖިނާއީ އިޖުރާތު ޤާނޫގެ ދަށުން ކަމަށެވެ. ޤާނޫނުގެ ތެރެއިން އެއްބަސްވުން ހަދާއިރު، ކުއްވެރިއާއިއެކު ވެވޭނެ އެއްބަސްވުންތައް ބަޔާންކޮށްފައިވަކަމަށެވެ. އަދި އަދުހަމްއާއިއެކު އެއްބަސްވެފައިވަނީ ޤާނޫނުގެ ތެރެއިންކަމަށް ޕީޖީ ވިދާޅުވިއެވެ.
އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.