ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ހެދި އެއްބަސްވުމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބުގެ ހެކިބަހާއި ނުލައިވެސް ސާބިތުކުރެވޭނެކަމަށް ދައުލަތުން ބުނެފިއެވެ.
ދައުލަތުން ޖިހާދާއި ދެކޮލަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ. ޖިހާދު ވަނީ އެދައުވާތަކަށް އިންކާރުކުރައްވާފައެވެ.
މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓްގައި ބާއްވާފައިވަނީ ޖިހާދުގެ ފަރާތްޕުޅުން ޝަރީޢަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުންތަކަށް ޖަވާބުދާރީވުމެވެ. ޖިހާދު ހުށައެޅުއްވި ކަންކަމުގެ ތެރޭގައި ފުށިދިއްގަރުފަޅުގެ މަޝްރޫޢުގެ އެކި މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވި އަދީބަށް ދަޢުވާނުކޮށް އެހެން މީހެއްގެ މައްޗަށް ދަޢުވާނުކުރެވޭނެކަމަށެވެ. އެގޮތުން އެކަމުގެ އެއްބަސްވުން ޑްރާފްޓްކުރުމުގައި އަދީބު އިސްކޮށް އުޅުއްވިކަމަށް ޖިހާދު ވިދާޅުވެފައިވެއެވެ.
ޖިހާދުގެ އެ ހުށައެޅުމަށް ރައްދުދެއްވަމުން ދައުލަތުން މިސާލު ޖެއްސެވީ، މީހަކު މަރާ މީހަކު، ފިހާރައަކުން ގަންނަ ވަޅި ވިއްކާ މީހާ ވެސް އެ ހާލަތުގައި ކުށްވެރިވާނެ ކަމަށެވެ. އެހެންކަމުން މިއީ ވެސް އެފަދަ ހާލަތެއް ކަމަށާއި، މި މައްސަލައިގައި އަދީބުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ދައުލަތުން ފާހަގަކުރިއެވެ. އަދި އަދީބުގެ ހެކި ބަހަށް ބާރު ލިބޭ އިތުރު ހެކިތައ ވެސް ލިބިފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ އަދީބުގެ ހެކިބަހާއި ނުލައި ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެންވެސް މައްސަލަ ސާބިތުކުރެވޭނެކަމަށެވެ.
މި މައްސަލާގައި ދެފަރާތުގެ ހުށައެޅުންތައްމިހާރު ހުށައަޅާ ނިމިފައިވާތީ މައްސަލަ ބައްލަވާ ޤާޟީ ޙުސައިން ފާއިޒް ރަޝާދު ވިދާޅުވީ، ދެން އޮންނާނީ ހުށައެޅުމާމެދު ގޮތެއް ނިންމެވުންކަމަށެވެ. އަދި ޝަރީޢަތުން އިތުރުކަމެއް ސާފުކުރަން ބޭނުންނަމަ އިތުރު އަޑުއެހުމެއް އޭގެ ކުރިން ބޭއްވޭނެކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުން ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22ވަނަ ދުވަހު ނިންމި ނަމަވެސް މިކަމުގައި ޖިހާދު އަމަލުކުރައްވާފައިވަނީ އެ މަޖިލީހުގެ ނިންމުމާއި ހިލާފަށްކަމަށެވެ.
މިގޮތުން ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމެވުމުގައި އޮތް %50 އިންސައްތަ ގެ ބަދަލުގައި، ދައުލަތުގެ %25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑްކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.
މި މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް ޖިހާދުގެ މައްޗަށް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ