ޖަޕާންގެ މުސްކުޅި އާބާދީވަނީ އިންތިހާއަށް މަތިވެފަ: ދިރާސާ

ޖަޕާންގެ މުސްކުޅި އާބާދީވަނީ އިންތިހާއަށް މަތިވެފަ: ދިރާސާ

Author
ހުސެއިން
20 ސެޕްޓެމްބަރ 2021 06:07
0

މި ހަފްތާގެ ހޯމަ ދުވަހު ޖަޕާނުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ މުސްކުޅިންނަށް ކަމޭހިތާ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހުގެކުރިން، ޖަޕާނު ސަރުކާރުން ކުރި ސާވޭއަކުން، ޖަޕާނުގައި، އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދުގެ އިތުރުން، މުޅި އާބާދީއާއި އަޅާބާލާއިރު މިނިސްބަތްވެސް އާދަޔާ ޚިލާފަށް މަތިވެގެން ގޮސްފައިވާ ކަމަށް ދައްކައިފިއެވެ.

ޖަޕާނުގެ އިންޓާނަލް އެފެއާޒް މިނިސްޓްރީ އަންދާޒާ ކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް ޖަޕާނުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދަކީ 36.4 މިލިއަންއެވެ. މިއީ ފާއިތުވެދިޔަ އަހަރާ އަޅާ ބަލާއިރު 220,000 މީހުން އިތުރު އަދަދެކެވެ.

އިންޓާނަލް އެފެއާޒް މިނިސްޓްރީން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަޕާނުގެ މުޅި އާބާދީއާ އަޅާ ބަލާއިރު، މުސްކުޅި އާބާދީގެ ނިސްބަތް އުޅެނީ 29.1 އިންސައްތާގައެވެ. އަދި މިއީ ފާއިތުވެދިޔަ އަހަރާ އަޅާބަލާއިރު، 0.3 އިންސައްތައިގެ އިތުރުވުކެވެ.

ޖަޕާނުގެ މުޅި އާބާދީން މިއަހަރުވަނީ، ފާއިތުވެދިޔަ އަހަރާ އަޅާ ބަލާއިރު 510,000 މީހުން މަދުވެފައެވެ.

ޔޫއެންއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖަޕާނުގެ މުސްކުޅި އާބާދީގެ ނިސްބަތަކީ މުޅި ދުނިޔޭގައިވެސް މިވަގުތު އެންމެ މަތީ ނިސްބަތެވެ. އަދި މިއީ ޖަޕާނާ ޖެހިގެން ދެން މުސްކުޅި އާބާދީ އެންމެ މަތީ ގައުމަށްވުރެ 5 އިންސައްތަ މަތީ އަދަދެކެވެ. ޖަޕނާ ޖެހިގެން ދުނިޔޭގައި މުސްކުޅި އާބަދީ އެންމެ މަތީ ގައުމަކީ އިޓަލީއެވެ. އެގައުމުގައި މުސްކުޅިންގެ ނިސްބަތަކީ 23.6 އިންސައްތައެވެ.

ޖަޕާނުގެ މުސްކުޅިންގެ އަބާދީގެ ތެރެއިން 15.83 މިލިއަން މީހުންނަކީ ފިރިހެނުންނެވެ. އަދި 20.57 މިލިއަން މީހުންނަކީ އަންހެނުންނެވެ.

އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަޕާނުގައި، އުމުރުން ދުވަސްވީ މަސައްކަތް ކުރާމީހުންގެ ނިސްބަތް ފާއިތުވީ 17 އަހަރުވެސް މަތިވަމުން ގޮސް ފާއިތވެދިޔަ އަހަރު ނިމުނުއިރު މިއަދަދު ވަނީ 9.06 މިލިއަނަށް އަރާފައެވެ. މިއީ މުޅި ދުނިޔޭގެ މަސައްކަތު އާބާދީގެ 13.6 އިންސައްތައެވެ. މިއީވެސް ރެކޯރޑް އަދަދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.