ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން 7 ލަނޑުން ޖަހައި ލީގުގެ އެއްވަނަ މަގާމަށް ކުރިޔަށް ޖެހިލައިފިއެވެ.
ޖަރުމަނު ލީގަށް އަލަށް ކޮލިފައިވި ވީއެފްއެލް ބޯކުމްގެ މައްޗަށް ބަޔާންގެ ދަނޑުގައި ރޭ އެޓީމުން ކުރިހޯދީ 0-7 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބަޔާނުން ޖެހި 7 ލަނޑުގެ ތެރެއިން 4 ލަނޑު ފުރަތަމަ ހާފުގައި ޖެހިއިރު، އަނެއް 3 ލަނޑު ޖެހީ 2 ވަނަ ހާފުގައެވެ. މެޗު ފަށައިގެން ބަޔާނުން ލީޑު ނެގީ 17 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 27 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. 3 ވަނަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ސާޖް ގްނަބްރީއެވެ. ބަޔާންގެ 4 ވަނަ ލަނޑަކީ ބޯކުމްގެ ވަސިލިސް ލަމްޕްރޮޕޯލަސް އަތުން ބައިކޮޅަށް ވަން ލަނޑެކެއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން 61 ވަަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ބަޔާންގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މިއީ އޭނާ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ލަނޑު ޖެހި 13 ވަނަ މެޗެވެ. މި މެޗުގައި ބަޔާނުން ޖެހި ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗުއޮޕޯ މޯޓިންގއެވެ.
މި މެޗުން މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު ޖަރުމަނު ލީގު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 5 މެޗުން ހޯދި 13 ޕޮއިންޓާއި ފައިދާ 16 ލަނޑާއެކުއެވެ. ބަޔާން އަތުން ބަލިވި ބޯޙަމް އޮތީ ފުލުން ދެވަނައިގައި 5 މެޗުން 3 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ