އަންހެނުން ސިޔާސީ ދާއިރާގައި ތަމްސީލު ކުރަމުންދާ ނިސްބަތް ސައުދީ އަރަބިއާއަށްވުރެވެސް ދަށުގައި އޮތް، ޖަޕާންގެ ފުރަތަމަ އަންހެން ބޮޑުވަޒީރަަކަށް ވުމަށްޓަކާ، އެގައުމުގަ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ LDP ގެ ލީޑަރަށް ވުމަށް ދެ އަންހެން ކެނޑިޑޭޓުން ލީޑަރޝިޕް ރޭހަށް ނިކުންނަވައިފިއެވެ.
ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ބަރުލަމާނީ ނިޒާމެއް އޮންނަ ޖަޕާނުގައި މިހާރުވެސް ވެރިކަން ކުރާ އެލްޑީޕީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅަކުން ވެގެންދާނީ ކުރިޔަށް އޮތް އާންމު އިންތިޚާބަށްފަހު އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ބޭފުޅަކު ކަމުގައެވެ.
މިގޮތުން، މިމަހު 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެލްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ވާއްދަކުރާއްވާ 4 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ ދެ އަންހެން ކެނޑިޑޭޓުންނަކީ، ޖަޕާނުގައި ކުރީގެ އިންޓާރނަލް އެފެއާޒް މިނިސްޓަރުކަން ކުރައްވާފައިވާ، އުމުރުން 60 އަހަރަށްވުރެ މިހާރު މަތިވެފައިވާ ސެއިކޯޯ ނޮޑާއާއި، ސަނާއީ ޓަކައިޗީއެވެ.

މިގޮތުން މި ދެ އަންހެން ބޭފުޅުންކުރެ ކޮންމެ ބޭފުޅަކަށް މިއިންތިޚާބު ކާމިޔާބު ކުރެވުނަސް، އެ ބޭފުޅަކު ވެގެންދާނީ ޖަޕާނުގެ ތާރީޚުގައި އެގައުމުގެ ބޮޑުވަޒީރުކަން ފުރަތަމަ ފަހަރަށް އަދާކުރައްވާނެ އަންހެން ބޭފުޅާ ކަމުގައެވެ.
ވެރިކަން ކުރާ އެލްޑީޕީގެ ލީޝަޕް ރޭހުގައި ފުރަތަމަ ވާދަ ކުރުމަށް ނިންމެވި އަންހެން ބޭފުޅަކީ ކުރީގެ އިންޓިއާރ މިނިސްޓަރު ސަނާއީ ޓަކައިޗީއެވެ. އެހެންނަމެވެސް، ކުރީގެ އިންޓިރިއަރ މިނިސްޓަރުކަން ކުރައްވާފައިވާ ނޮޑާ ވަނީ، އެކަމަނާވެސް ލީޑަރޝިޕަށް ވާދަ ކުރައްވަން ގަސްތު ކުރައްވާކަން ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތު ދުވަހު އިއުލާން ކުރައްވާ ރޭހަށް ނިކުންނަވާފައެވެ.
މި ދެ އަންހެން ބޭފުޅުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕަށް ދެން ވާދަކުރައްވަނީ ފިރިހެން ދެ ބޭފުޅުންނެވެ. މި ދެބޭފުޅުންނަކީ، ޖަޕާނުގެ ކޯވިޑް19 ވެކްސިން ޕްރޮގްރާމްގެ ކަންކަމާ ހަވާލުވެ ހުންނެވި މިނިސްޓަރ ޓަރޯ ކޮނޯއާއި އެގައުމުގައި ކުރީގައި ފޮރިންގ މިނިސްޓަރުކަން ކުރެއްވި ފުމިއޯ ކިޝިޑާއެވެ.
"ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވުމުގެ ފުރުސަތު ލިބިއްޖެނަމަ، އަހަރެން ފާހަގަވާ ވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްދޭނަން،" އެކަމަނާ ގެންގުޅުއްވާނޭ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނޮޑާ ވިދާޅުވެފައި ވެއެވެ. "އަހަރެންގެ ކެބިނެޓްގައި ތިއްބަވާ ވަޒީރުންގެ %50 އަކީ އަންހެނުންކަމުގައި ހަދާނަން."

މިހާތަނަށް އައިއިރު، އެލްޑީޕީގެ 66 އަހަރުގެ ތާރީޚުގައި ރަސްމީކޮށް އެޕާޓީގެ ލީޑަރޝިޕަށް ވާދަކޮށްފައިވަނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މިހާރުގެ ގަވަރުނަރު ޔުރިކޯ ކޮއިކެއެވެ.
ކޮމެންޓު ފޮނުވާ