އަފްއާނިސްތާނުގެ ކުރީގެ ވެރިކަމުގައި، އަންހެނުންގެ މިނިސްޓްރީ ހިންގި އިމާރާތަކީ އެގައުމުގައި މިހާރު "ގައިޑޭންސް މިނިސްޓްރީ" (ރަގަޅު ކަންކަމަށް މަގު ދެއްކުމާއި، ނުބައި ކަންކަމުން ދުރުކުރުމަށް ޚާއްސަ ވުޒާރާ) ކަމުގައި ތާލިބާން ސަރުކާރުން ހަޖައްސާ، އެ އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ވާލްޑް ބޭންކުގެ މުވައްޒަފުން އެ އިމާރާތުން ނެރެފިއެވެ.
މިއީ ތާލިބާން ޖަމާއަތުން އެޖަމާއަތުގެ ބާރުގެ ދަށަށް އަފްއާނިސްތާނުގެ ވެރިރަށް ކާބުލް ގެނައިފަހުން، އެގައުމުގައި އަންހެނުންގެ ހައްގުތަށް ހިފެހެއްޓުމުގެ ގޮތުން މިހާތަނަށް ގެނައި، ގިނަބައެއްގެ ކަންބޮޑުވުން އެންމެ ބޮޑަށް ގުޅިފައި އޮތް ބަދަލު ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މީގެ 20 އަހަރުކުރިން، ނުވަދިހައިގެ އަހަރުތަކުގައި އެގައުމުގައި ތާލިބާން ޖަމާއަތުން ވެރިކަން ކުރިއިރު، އަންހެނުން ތަޢުލީމު އުގެނުން މަނާކޮށް، އަދި އާންމު ތަންތަނުގައި އަންހެނުން އުޅުންވެސް އެޖަމާއަތުން އޮތީ މަނާ ކޮށްފައެވެ.
ވެރިރަށް ކާބުލްގައި ހުންނަ، ކުރީގެ ސަރުކާރުގެ "ވިމެންސް އެފެއާރޒް މިނިސްޓްރީ"ގެ އިމާރާތުގެ ބޭރުގައި މިއަދުވަނީ، "މިނިސްޓްރީ ފޯރ ޕްރީޗިންގ އެންޑް ގައިޑޭންސް އެންޑް ދަ ޕްރޮޕަގޭޝަން އޮފް ވާރޗު އެންޑް ދަ ޕްރިވެންޝަން އޮފް ވައިސް،" (ނަސޭހަތް ދިނުމާއި، މަގުދެއްކުމާއި، އަދި ހެޔޮކަންކަން ކުރިއަރުވާ، މުބައިން ކަންކަން މަނާކުރާ) މި ނަމުގަ އާ ނަން ބޯޑެއް ހަރުކޮށްފައެވެ.
އަފްއާނިސްތާނުގެ ކުރީ ސަރުކާރުގެ އަންހެނުންގެ ވުޒާރާގެ ދަށުން ހިގަމުންއައި، ވާލްޑް ބޭންކުގެ 100 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމުގައިވާ، "ވިމެންސް އިކޮނޮމިކް އެމްޕަވަރމެންޓް އެންޑް ރޫރަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ސްޓާފެއް ކަމުގައިވާ ޝާރިފް އަޚްތަރު ވިދާޅުވި ގޮތުގައި އޭނާވެސް ހިމެނޭގޮތުން، މިޕްރޮޖެކްޓްގެ ހުރިހާ މުވައްޒިފުންވެސް އިއްޔެ ވަނީ އެ އިމާރާތުން ބޭރު ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ބައެއް ވީޑިއޯތަކުންވަނީ، މި މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ބައެއް އަންހެން މުވައްޒިފުން ވަޒީފާ ގެއްލުމާއި ގުޅިގެން މި އިމާރާތުގެ ބޭރުގައި މުޒާހިރާކުރަމުންދިޔަ މަންޒަރުތައް ފެނިފައެވެ.
މީގެ އިތުރުން ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން، އެޖަމާއަތާއި ދެކޮޅަށް އަފްއާނިސްތާނުގައި ހިގަމުންދާ ގެރިއްލާ ހަގުރާމައިގެ ތެރެއިން، އެގައުމުގެ އިރުމަތީ ޕްރޮވިންސްއެއް ކަމުގައިވާ ޖަލާލް އާބާދުގެ ޕްރިވިންޝަލް ކެޕިޓަލްގައި އިއްޔެވަނީ، ތާލިބާން ހަގުރާމަވެރިންގެ 3 އުޅަދަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މިހަލާތަކުގައި 3 މީހަކު މަރުވެ 20 މީހަކަށްވަނީ އަނިޔާވެފައެވެ.
މިހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު އަދި މިހާތަނަށް އުފުލާފައި ނުވިނަމަވެސް، މި ސަރަހައްދުގައި ތާލިބާން ޖަމާއަތާއި ދެކޮޅުވެރި ހަގުރާމަވެރިންގެ ގޮތުގައި ހަރަކާތްތެރި ވަމުންދަނީ އައިސިސް ޖަމާއަތުގެ ހަގުރާމަ ވެރިންނެވެ.
ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ސަރުކާރެއް އުފައްދާ އެޖަމާއަތުގެ ވެރިކަމެއް ފެށިފަހުން، އެގައުމަށް ދަނީ، ރައްކާތެރިކަމުގެ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތުވަމުންނެވެ. އަދި އައިސިސް ހަގުރާމަވެރިންގެ ފަރާތުން ގޮންޖެހުންތަކުގެ ސަބަބުން، ތާލިބާން ޖަމާއަތުން އުފައްދާފައިވާ ސަރުކާރަށް އިތުރުން ދަތިތަކާ ކުރިމަތިވެގެން ދާނެކަމަށް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ