ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކުލަބު މޯލްޑިވްސް ކަޕްގެ މިއަހަރުގެ މުބާރާތް ނޮވެމްބަރ މަހު ބާއްވަން ނިންމައިފިއެވެ.
ކްލަބް މޯލްޑިވްސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް އަންނަ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުފަށަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި 18/30 ވުމެންސް ފުޓްސަލް ފިއެސްޓާވެސް ނޮވެމްބަރ މަހު ކްލަބް މޯލްޑިވްސް ކަޕާއެކު ކުރިޔަށްދާނެކަމަށް އެ ޕޭޖުގައިކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މީގެ 15 އަހަރު ކުރިން ބާއްވަން ފެށި ކްލަބް މޯލްޑިވްސް ކަޕްގެ މިދިޔަ އަހަރުގެ މުބާރާތް ކޯވިޑް-19 ގެ ސަބަބުން ބޭއްވޭގޮތް ނުވުމުން ވަނީކެންސަލްކޮށްފައެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މި މުބާރާތް ފަށަން ފުރަތަމަ ޝެޑިއުލްކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތްވަނަދުވަހަށެވެ. ނަމަވެސް އޭރު ރާއްޖެއިން ކޯވިޑް-19 ގެ ކޭސްތައް ފެންނަން ފެށުމާއެކު މުބާރާތް ފަސްކުރީ ޖޫން މަހަށެވެ. އަދި ޖޫން މަހުވެސް މުބާރާތް ބޭއްވޭނެމާހައުލެއް ނެތުމުން އޮކްޓޯބަރ މަހަށް މުބާރާތް ވަނީ ރީޝެޑިއުލްކޮށްފައެވެ. ނަމަވެސް ރާއްޖޭގައި އޭރު ކޯވިޑް-19 ގެ ޙާލަތު އޮތް ގޮތުން ކްލަބް މޯލްޑިވްސް ކުރިޔަށް ގެންދެވެން ނެތްކަމަށް ކްލަބް މޯލްޑިވްސްއިން މުބާރާތް ކެންސަލްކުރީއެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް ހޯދީ ފައިނަލުގައި ވެމްކޯ 1-6 އިން ބަލިކޮށްގެންނެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް 4-3 އިން ކުރި ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
ކޮމެންޓު ފޮނުވާ