ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ނިމުމުގެ ކުރިން، އެމަނިކުފާނަށް ފަށު ކޯޓުން ހުކުމްކުރި ބައެއް ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ ޞައްޚަކަން ކަށަވަރު ކުރުމަށް 5 އިދާރާއެއްގައި އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.
އެކޯލިޝަނުން މިއަދު ވަނީ މި އޯޑިއޯތަކުގެ ޞައްޚަކަން ކަށަވަރު ކޮށްދިނުމަށް ފޮރެންސިކް ތަހްލީލަކާއެކު މިނިވަން ތަޙުޤީޤެއް ކޮށްދިނުމުގެ މަސައްކަތް ކުރިއެށް ގެންގޮސްދިނުމަށް ރައްޔިތުންގެ މަޖިލިސް، ބާރ ކައުންސިލް، ޓްރާސްޕެރެންސީ މޯލްޑިވްސް، ޖޭއެސްސީ، ހިއުމަންރައިޓްސް ކޮމިޝަނަށް ސިޓީއަކުން އެދިފައެވެ.
މިސިޓީގައި ބުނެފައިވަނީ ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުންވެސް މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން ވަނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނެފައެވެ. ހަމައެއާއެކު، ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ. އަދި މިކަމުގެ ސަބަބުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެތައް ޙަޤަކަކުން މަޙްރޫމްވެފައިކަމުގައެވެ.
އެހެންކަމުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެއްލިފައިވާ އިންސާނީ ޙައްޤުތައް ހޯއްދަވައިދެއްވުމަށްޓަކައި، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޙަޤީޤަތް ދެނެގަންގަންނަންޖެހޭތީ، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ސިޓީގައި އެދިފައިވެއެވެ. އަދި މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ދެކޭތީ، އެކަން އަވަސްކޮށްދެއްވުމަށްވެސް ވަނީ ދަންނަވާފައެވެ.