ފާއިތުވި ޖުލައިމަހު، ހެއިޓީގެ ރައީސް ޖުވެނައިލް މުއީޒް ބަޑިޖަހާ އަވަހާރަ ކޮށްލުމުގައި ބައިވެރި ވެފައި ވުމުގެ ތުހުމަތުގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު އޭރިއެލް ހެންރީގެ މައްޗަށް ދައުވާ އުފުލުމަށް، މި މި ޖަރީމާ ތަހުގީގު ކުރަމުންދާ ފަނޑިޔާރުގެ ކިބައިން އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގެންފިއެވެ އެދިވަޑައިގެންފިއެވެ.
ހެއިޓީގެ ފެޑެރަލް ޕްރޮސެކިއުޓަރއެއްގެ ދައުރު އަދާ ކުރަމުންދާ، ޕޯޓު-އައު-ޕްރިންސް ގަވަރމަންޓް ކޮމިޝަނަރ، ބެޑް-ފޯރޑް ކްލައުޑް އަންގާރަ ދުވަހު ވަނީ، ހެއިޓީގެ ރައީސް ބަޑިޖަހާ އަވަހާރަ ކޮށްލި މައްސަލަ ތަހުގީގް ކުރަމުންދާ ފަނޑިޔާރުގެ ކިބައިން، މި ޖަރީމާގައި މިހާރުގެ ބޮޑުވަޒީރު ބައިވެރިވެފައިވާ ކަމުގެ ކުށުގެ ދައުވާ ކުރުމަށް އެދިވަޑައިގެންފައެވެ.
މިހާރުގެ ބޮޑުވަޒީރުގެ މައްޗަށް މި ޖަރީމާގައި ބައިވެރި ވެފައިވާ ކަމުގައި ތުހުމަތު ކުރެވިފައިވަނީ، ބޮޑުވަޒީރު ހެންރީ، މި ހަމަލާގައި ތުހުމަތު ކުރެވޭ އިސް މީހަކާ، ފޯން ކޯލެއްގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާ ކޮށެވެ.
އަދި މީގެ އިތުރުން ކްލައުޑް ވަނީ، ބޮޑުވަޒީރު ހެންރީގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ސީރިއަސްކަމުން، އޭނާ ގައުމު ދޫކޮށް ދިއުން މަނާކުރުމަށްވެސް އެދިވަޑައިގެންފައެވެ.
"އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ، ސާބިތު ހިފޭވަރުގެ ހެކި އެބަހުރި ފެންނަން… އޭނާގެ މައްޗަށް ދައުވާ އުފުލުމަށްޓަކާ، ވަގުތުން ވަގުތަށް މައްސަލަ ޕްރޮސެކިއުޝަނަށް ފޮނުވުމަށް ދަންނަވަން،" ކްލައުޑް ނެރުއްވި އަމުރުގައި ވެއެވެ.
ހެއިޓީގެ ރައީސް އަވަހާރަ ކޮށްލުމުގައި ބައިވެރި ވެފައިވާ ކަމުގެ ތުހުމަތު ބޮޑުވަޒީރުގެ މައްޗަށް ކުރެވުމާއި ގުޅިގެން އޭނާގެ ތަރުޖަމާނުގެ އެއްވެސް ބަހެއް އަދި މީޑިއާތަކަށް ލިބިފައެއް ނުވެއެވެ.
ހެއިޓީގެ މިހާރުގެ ބޮޑުވަޒީރު އޭރިއެލް ހެންރީއަކީ، އަވަހާރަ ކޮށްލެވުނު ރައީސް ޖުވެނައިލް މުއީޒް އަވަހާރަ ކޮށްލުމުގެ މަދު ދުވަސް ކޮޅެއް ކުރިން އަވަހާރަ ކޮށްލެވުނު ރައީސް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް، ރައީސް އަވަހާރަ ކޮށްލެވުނު އިރު އޭނާ އަދި މަގާމުގެ ހުވާ ކުރައްވާފައެއް ނުވެއެވެ.
ނަތީޖާއެއްގެ ގޮތުން، ޖުބެނައިލް މުއީޒް އަވަހާރަ ކޮށްލުމަށްފަހު، އޭނާއަކީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ބޮޑުވަޒީރުކަމަށް ބަލާ، އޭނާ ވަނީ މަގާމުގެ ހުވާ ކުރައްވާ، ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންފައެވެ.