އުތުރު ތިލަފަޅު ވިއްކާލުމުގެ ހަގީގީ މޭސްތިރިއަކީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ނާޒިމް ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން ޤާނޫނުއަސާސީއާއި ޚިލާފު ކަމަށާއި އުތުރު ތިލަފަޅު ދިވެހިރާއްޖެ އަޅުވެތި އެބަކުރާ ކަމަށާއި އުތުރު ތިލަފަޅާއި ދިވެހިންގެ މުސްތަގްބަލާ ގުޅެނީ ވަރަށް ނުރައްކާތެރި ހިސާބަކުން ކަމަށް. އަދި މިތަން ވިއްކާލުމުގެ މޭސްތިރިއަކީ ކާނަލް ނާޒިމްކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.
ދިވެހި ސިފައިން މިއަދު ތިޔަބޭފުޅުންގެ ވެރިޔާގާތު އައްސަވާ މި އެއްބަސްވުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވިފައި އޮތް ކަމެއްތޯ؟ އަޅުގަނޑުގެ ވާހަކަ ދެފުށްވާނެ ދެގޮތްވާނެ އެއްގޮތަކީ އަޅުގަނޑު ކުށްވެރިވުން އެއީ ގޯސްކޮށް ވާހަކައެއް ބުނެވޭތީ. މިހާ ނުރައްކާތެރި ވާހަކައެއް ބުނެވޭތީ. އަނެއްގޮތަކީ ރދިވެހިރާއްޖޭގެ ރައީސުކްޖުމްހޫރިއްޔާ އެހުންނެވީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމެއް ކުރައްވައިގެން. އުތުރު ތިލަފަޅު އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ވެފައި އޮތް އެއްބަސްވުމެއް.
– ސައީދު ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޖޯކު ޖަހާ ރައީސް ޔާމީންއަށް މަލާމާތްކޮށް ފުރައްސާރަކުރެވޭނެ ވެރިއަކު ދިވެހިރާއްޖޭގައި މިވަގުތަކު ނެތް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ދިވެހިރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން މިއަދު އެދައްކަވަނީ ހުތުރު "އައްޗި" ވާހަކަތައް ކަމަށާއި މަޖިލީހަށް އައި އޮޑިޓަރަކު ރައީސް ޔާމީންއާއި ބެހޭގޮތުން ވާހަކަ ދެއްކެވި ފެންވަރަށް މިބޭފުޅުން މިއަދު ވާހަކަ ދެއްކެވުމަކީ ހުތުރު ކަމެއް ކަމަށެވެ. އަދި ވެރިކަން ކުރަން ނިޔަތްގަނެގެން އައިސް ޕާޓީތައް ހަދައިގެން މަސައްކަތްކުރާއިރު ޒިއްމާދާރު ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކަންތައްތައް ހިނގާދިޔަ ގޮތާބެހޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެމްޑަބްލިއުއެސްސީ ބަލަހައްޓަވަން ހުންނެވި އިސް ބޭފުޅެއްގެ ހައިސިއްޔަތުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް އެމަނިކުފާނުގެ ޒިއްމާ ވަރަށް ފުރިހަމައަށް އަދާކުރެއްވި ކަމަށެވެ. ރައީސް ޔާމީންގެ ލަފާފުޅާއެކު ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެސެސްމެންޓް ހައްދަވާ މާލެއަށް ކުރިމަތިވީ ފެނުގެ ކާރިސާއެއް ކަމަށް ކަނަޑައެޅުއްވި ކަމަށެވެ. އަދި ކާނަލް ނާޒިމްއަށް ވެސް އަދާކުރެއްވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހުނު މަސްއޫލިއްޔަތު ކަމަށެވެ.
ވަރަށް ގިނަ ދާއިރާތަކުގެ ތަފާތު މަސައްކަތްތައް ރާއްޖޭގައި އެބަހުރި. ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅުގައި އިންނަވާ ބޭފުޅަކު ހޮޅިބައްދަން ވަޑައިގަންނަވަންޖެހޭނެ ކަމަށް އަމިއްލަފުޅަށް ވިސްނޭ ވަޒީރަކު ހުރެއްޖެ ކަމަށް ވަންޏާ އެބޭފުޅަކު ވަޒީރު ކަމުގެ ޝަރުތު ހަމަވާކަމަކަށް ގަބޫލެއްނުކުރަން. ކާނަލް ނާޒިމްއަށް އެއްގޮތަކަށްވެސް ވިސްނި ވަޑައިގެން ނުވާނެ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތަކަށް ވާނީ މިކޭސްއަށް ބަލާއިރު (ފެނުގެ ކާރިސާ) ހޮޅި ބެއްދުން ކަމަކަށް.
– ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީން ކުރެއްވި މުހިއްމު ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މާލޭގެ މުސީބާތަކަށް ވެފައި އޮތް ކުނި ގޮނޑުގެ ސަބަބުން ސްކޫލްތައް ބަންދުކޮށް ކުނި ގޮނޑު ދޭތެރެ ތޭރެރެއިން އަންދާ ދަރިވަރުންނަށް ވިހަގޭހުގެ އަސަރުކޮށް ނޭވާނުލެވިގެން އުޅެންޖެހުނު ކަމަށެވެ.އަދި މާލޭގެ ކުނިގޮނޑެއް މެނޭޖްކުރަން ނޭގުނު ސަރުކާރުތައް ދިޔަކަމަށާއި ވަޒީރުންވެސް ތިބި ކަމަށެވެ. އެހެންނަމަވެސް އެންމެ ފަސްއަހަރުތެރޭގައި ރައީސް ޔާމީން އެކަން ހައްލުކުރެއްވި ކަމަށެވެ.
ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ޕަވަރ ޖެނެރޭޝަން ސިސްޓަމެއް އެންމެ 5 އަހަރު ތެރޭގައި ގާއިމްކުރެއްވީ. މިއީ ދުރަށް ވިސްނާ ކަންކުރާ ވެރިންގެ ސިފައަކަށް ވާންވާނީ ކަރަންޓު ނަރު ބެއްދުމެއްނޫން.ހޮޅި ބެއްދުމެއް ނޫން. މާލޭގައި އުފައްދާ 60 މެގަ ވޮޓާއި މިދެންނެވި ޕަވަރ ސްޓޭޝަނުން އުފައްދާ 50 މެގަވޮޓްގެ ކަރަންޓު ގުޅުވާލަދިނީ ބޮޑު މާސިންގާ ބްރިޖެއް މިދެރަށް ދޭތެރޭގައި އަޅާ އޭގެ ދަށުން ކޭބަލްތައް ގުޅިގެން މުޅި ސިސްޓަމް ސިންކްރޮނައިޒްވެފަ ވަނީ. މިއީ ރައީސުން ރައްޔިތުން ހޮވާފަ ފާހަގަ ޖަހާފައި އޮފީހަށްލާ ސަބަބަކީ. ދުރަށް ކަންތައްތައްކުރަން.
– ސައީދު ވިދާޅުވިއެވެ.
މުސްތަގްބަލަށް ވިސްނާ ކަންކަން ކުރާއިރު މާލެކައިރި މިއޮތް ފުނަދޫގައި އެންމެ ޒަމާނީ ފެންވަރަށް 32 މިލިއަން ރުފިޔާގެ އިންވެސްޓެއްކޮށް މިއަދު އެތާ އެވަނީ ކުރިއަށް އޮތް ވިއްސަކަށް އަހަރު ދުވަހު ބޭނުންކުރެވޭނެ ފަދަ ވަސީލަތްތައް ގާއިމްކުރެވިފައި ކަމަށާއި އެ މަސައްކަތްކުރާއިރު ރައީސުލްޖުމްހޫރިއްޔާ ތެޔޮ ތާނގީތަކުގައި ޕެޗުއަޅަން ހުންނަންޖެހޭތޯ ސައީދު ސުވާލުކުރެއްވިއެވެ.
One Response
ރައީސް ޔާމީނަށް ނޭނގި ހާދަކަމެއް ހިނގާފައޭ ދޯ މިއޮތީ. ވެރިކަމަށް ކުފޫ ހަމަނުވާކަން މީގެންވެސް އެނގެނީ