ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލާގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ދޫކޮށްލަން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.
130 ކިލޯގެ މަސްތުވާތަކެތި އެތެރުކުރުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ޝަހީބް އިބްރާހީމް ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ޙާޒިރުކުރުމުންނެވެ. އޭނާ ދޫކޮށްލާފައިވަނީ ހެކި ހުރެގެން ކުރިން މުއްދަތު ޖެހުމަށްފަހު، ތަޙްޤީޤަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލާގަތް މައްސަލާގައި 7 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭތެރޭގައި ހިމެނޭ 6 މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންކަމަށާއި، ދެން މިމައްސަލާގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުދިންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ، ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރުމުން، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި އޮޕަރޭޝަނުގައި ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 130 ކިލޯހުރިކަމަށާއި، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި މީހަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަހްމަދު މޫސާކަމަށް ފުލުހުން ވިދާޅުވެއެވެ. މި ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ