2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވާރލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާއަށް މިއަދަށް 20 އަހަރު ފުރިގެން ދިޔައީއެވެ.
މިހަމަލާއަށް 20 އަހަރު ފުރިގެން ދިޔައިރު، އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރަމުން އަންނަ ހަގުރާމައަށް އަދިވެސް ނިމުމެއް އައިސްފައި ނުވާއިރު، އޭގެ 20 އަހަރުފަހުން، އަދިވެސް، އެހަމަލާއަށްފަހު، މީހުން ސަލާމަތް ކުރުމަށާއި، އަލިފާން ނިއްވުމުގައި އަދި، ތަން ސާފުކުރުމުގައި ހަރަކާތްތެރިވީ އެތައްބަޔަކު، ތަފާތު ބަލިތަކުގައި މަރުވަމުންދާ ކަމުގައި އެމެރިކާގެ ކަމާ ގުޅުންހުރި އިދާރާތަކުން ހާމަ ކޮށްފިއެވެ.
އެމެރިކާގެ ތާރީޚުގައި އެގައުމަށް ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއަށްފަހު، މީހުން ސަލާމަތް ކުރުމުގެ ގޮތުންނާއި، އަދި އެއަށްފަހު ތަން ސާފު ކުރުމަށްޓަކާ، ނުރައްކާތެރި ހިރަފުހާއި އަދި ގޭހުގެ އެތައް ބާވަތެއްގެ ތެރޭގައި 91،000 މީހުން އޭރު ހަރަކާތްތެރި ވެފައި ވެއެވެ.
މިގޮތުން، މިހަމަލާއަށްފަހު، ސިއްޙީ ހާލަތު މޮނިޓަރކޮށް، އަދި ފަރުވާ ދިނުމަށް އެމެރިކާ ސަރުކާރުން ކުރިޔަށް ގެންދަމުން އަންނަ "ވާރލްޑް ޓްރޭޑް ސެންޓަރ ހެލްތް ޕްރޮގްރާމަށް" މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް، ހަމަލާއަށްފަހު، މީހުން ސަލާމަތް ކުރުމާއި، އަލިފާން ނިއްވުމާއި އަދި ސާފުކުރުމުގެ މަސައްކަތުގައި އުޅެފައިވާ 80,785 މީހުން ވަނީ އެންރޯލް ވެފައެވެ.
އަދި މީގެ އިތުރުންވެސް، އެތައް ހާސްބަޔަކު އަދިވެސް ދަނީ، މިހަލާއަށްފަހު ކުރިމަތި ލާންޖެހުނު ޖިސްމާނީ އަދި ނަފްސާނީ އެތައް ގެއްލުމެއް ތަހައްމަލް ކުރަމުންނެވެ.
ރިސާޗް އެނަލިސިސްތައް ޝާއިއު ކުރަމުންދާ މަޝްހޫރި ބަޕްލިޝަރއެއް ކަމުގައިވާ އޮސްޓްރޭލިއާގެ "ދަ ކޮންވަރޒޭޝަން" އިން ހާމަ ކޮށްފައިވާ ގޮތުގައި، އެމެރިކާއަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން %45 މީހުންނަށްވަނީ ނޭވާ ލާ ނިޒާމުގެ ތަފާތު ބަލިތައް ޖެހިފައެވެ.
އަދި %16 މީހުންނަށް ކެންސަރ ޖެހިފައިވާއިރު، %16 މީހުންނަށް ވަނީ ސިނކުޑީގެ ބަލިތައް ތަހައްމަލް ކުރަން ޖެހިފައެވެ. އަދި މިބަލިތައް ތަހައްމަލް ކުރަން ޖެހިފައިވާ %40 މީހުންނަކީ 45-64 ދެމެދުގެ މީހުންނަށް ވާއިރު، މީގެތެރެއިން %83 މީހުންނަކީ ފިރިހެނުންނެވެ.
"ދަ ކޮންވަރޒޭޝަން" އިން އާންމުކޮށްފައިވާ ދިރާސާ ހިސާބުތައް ބުނާގޮތުން، 9/11 ގެ ޓެރަރިސްޓް ހަމަލާއަށްފަހު ކުރިޔަށް ގެންދަން ފެށި "ވާރލްޑް ޓްރޭޑް ސެންޓަރ ހެލްތް ޕްރޮގްރާމް" ގައި ބައިވެރިވި މީހުންގެ ތެރެއިން 3,439 މީހަކު މިހާރުވަނީ މަރުވެފައެވެ.
9/11 Responders Have Higher Rates of Leukemia, Study Shows – WSJ https://t.co/l97zIbM7Ye
— Maggie Haberman (@maggieNYT) January 14, 2020
މިގޮތުން މަރުވެފައިވާ މީހުންގެ ތެރެއިން %34 މީހުން މަރުވެފައިވަނީ ނޭވާލާ ނިޒާމަށް ޖެހުނު އެކި ބަލިތަކުގެ ސަބަބުންނެވެ. އަދި %30 މީހުން ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްފައި ވާއިރު، ސިކުނޑިއަށް ކުރިމަތިވި ތަފާތު ބަލިތަކުގެ ސަބަބުން %15 މީހުން މަރުވެފައިވާ ކަމަށްވެސް، "ދަ ކޮންވަރޒޭޝަން"އިން ޝާޢިއު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރއަށާއި، އަދި ދިފާއީ ވިޒާރާ ޕެންޓަގަން އަށް ދިން ހަމަލާގައި ޖުމްލަ 2,977 މީހަކު މަރުވެފައި ވެއެވެ.
މީގެތެރެއިން 2,753 މީހުން މަރުވެފައިވަނީ، ދެ މަތިންދާ ބޯޓެއް ހައިޖެކް ކޮށްގެން، ނިއުޔޯކުގައި ހުންނަ ވާރލްޑް ޓްރޭޑް ސެންޓަރުގެ 2 ޓަވަރަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައެވެ. އިތުރު 184 މީހުން މަރުވެފައިވަނީ، ހައިޖެކް ކުރި 3 ވަނަ މަތިންދާ ބޯޓު އެމެރިކާގެ ދިފާއީ ވުޒާރާގެ މައްޗަށް ވައްޓާލުމާއި ގުޅިގެންނެވެ. އަދި އިތުރު 40 މީހަކު (މަތިންދާ ބޯތުގައި ތިބި) މަރުވެފައިވަނީ، ބޯޓުގެ ފަޅުވެރިން ބޯޓުގެ ކޮންޓްރޯލް ނަގަން އުޅުމުގެ ތެރޭގައި ޕެންސެލްވީނިއާގެ ހުސް ބިމަކަށް ވެއްޓުމުގެ ސަބަބުންނެވެ.