ރާއްޖޭގައި ބަރުލަމާނީ ނިޒާމު ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ރިޔާސަތުގައި އިންނެވި މަޖިލީހުން ބަރުލަމާނީ ނިޒާމަށް ބޮޑުތަނުން ނޫނެކޭ ބެނަފައިވާކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާ ފަހުމީ ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްﷲ ޖާބިރު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލާފައިވަނީ 51 މެމްބަރުންގެ ބޮޑު އައުލަބިއްޔަތަކުންނެވެ. މި ބިލް ބަލައި ގަތުމަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ ޖާބިރުއެވެ. މިބިލު ބޭރުކޮށްލުމާއި ގުޅިގެން ޖާބިރު ވިދާޅުވެފައިވަނީ ބިލު ބޭރުކޮށްލެއްވީ ރައީސް ނަޝީދު މިއަށްވުރެއް ފުރިހަމައަށް މިކަން ކުރެއްވުމަށް ނިންމަވާފައިވާތީކަމަށެވެ.
ނަމަވެސް މިއަދު މަޖިލީހުގެ ބޮޑު އައުލަބިއްޔަތަކުން ބަރުލަމާނީ ނިޒާމު ބަލައި ނުގަތުމަށް ނިންމި ނިންމުމަކީ މި ނިޒާމާއިއެކު ރައްޔިތުން ދެކޭގޮތް ހާމަވެގެން ގޮސްފައިވާކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ މިހާރު އޮތް ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވަރަށްބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދުވަނީ މިހާރު އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ވިދާޅުވެފައެވެ.
ޖާބިރުގެ މި އިސްލާހު ބޭރުކޮށްލެއްވި ނަމަވެސް ރައީސް ނަޝީދު އަމާޒު ހިތްޕަވައިގެން ހުންނެވީ ރިޔާސީ ދައުރުގެ ތެރެއިން ލިބޭ ހަނި ފުރުސަތެއްގައިވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި، ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއްގެ ވިސްނުން ހުރި ގޮތަށް ބަލާއިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލުމަކީ ވަރަށް ދުރު ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވާއިރު ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތުންގެ ވޯޓަކުން ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ