އެއްވެސް ކުށަކާއި ނުލައި ދައުލަތަށް 35 އަހަރު ޚިދުމަތް ކުރުމުން، ބޮޑެތި އަނިޔާތަކެއް ދޭން ފަށާފައިވާކަމަށާއި، އިންސާފު ހޯދަން ދެން ފެންނާނީ މަގުމަތިން ކަމުގައި ކުރީގެ ނާއިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހުގެ ނާއިބް ރައީސްގެ މަޤާމު ފުރުއްވި އަދި ކުރީގެ އެކި ސަރުކާރުތަކުގައި ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވި ޖިހާދު ވަނީ މިއަދު އިދިކޮޅުން ބާއްވާ އިހުތިޖާޖުގައި ބައިވެރިވެފައެވެ. މިއީ ޖިހާދު މިފަދަ އިހުތިޖާޖެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ޖިހާދު ވަނީ ވަރަށް ޖަޒުބާތުގައި މިއަދުގެ މުޒާހަރާގައި ވާހަކަ ދައްކަވާފައެވެ.
ޖިހާދު ވިދާޅުވީ އެއްވެސް ކުށަކާއި ނުލައި އޭނާއަށް މިސަރުކާރުން އަނިޔާ ދެމުންދާކަމަށެވެ. އަނިޔާތަކަށް ކެތްނުވެގެން މިއަދު މަގުތަކަށް ނިކުންނަން މަޖުބޫރުކުރީ ރައީސް ޞާލިހާއި މިސަރުކާރުންކަމަށް ޖިހާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތަށް މިވީ 35 އަހަރުގައި ޚިދުމަތްކުރެއްވިއިރު، ދުވަހަކުވެސް ދައުލަތަށް ޚިޔާނާވެ އެފަދަ އަމަލެއް ހިންގާފައި ނުވާނެކަމަށެވެ. އަދި އެފަދަ ތުހުމަތެއްވެސް ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް މިސަރުކާރުން އޭނާ ކަރުގައި ވަޅިޖައްސައި ބޮޑެތި އަނިޔާތަކެއް ދެމުންދާކަމަށެވެ.
ޖިހާދު ވިދާޅުވީ އަމިއްލަ ދަރިންނާއި، އާއިލާއާއި ބައްދަލު ކުރަންވެސް މިސަރުކާރުން ފުރުސަތު ނުދިންކަމަށެވެ. އަދި ބޭސްފަރުވާއަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަށްވެސް މިސަރުން އަރައިގަނެފައިވާކަމަށެވެ.
ދުވަހަކުވެސް އިހުތިޖާޖެއްގައި ބައިވެރިނުވަން. މި އިހުތިޖާޖަށް އަޅުގަނޑު ނެރުނީ ރައީސް ޞާލިހު. މިތަނަށް ދައުވަތު ދިނީ ރައީސް. އަޅުގަނޑަށް ވަރަށް އަނިޔާދަނީ ދެމުން. އެކަމަކު މިސަރުކާރުން ދޭ އަނިޔާތަކަށް ކެތްނުވެގެން މިއަދު އިހުތިޖާޖަށް ނިކުތީ. ތިބޭފުޅުންނަށް ނުފެނުނަސް އަޅުގަނޑުގެ ކަރުގައި މިހާރުވެސް ވަނީ ވަޅި ޖައްސާފަ. މިއީ ވަރަށް އަނިޔާވެރިބައެއް. އަޅުގަނޑު ދެން ފެންނާނީ މަގުމަތިން. މަގުމަތިން އިންސާފު ހޯދާނަން.
– ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކަކީ އިންސާފުން ބޭރުން ވަރަށް އަނިޔާވެރި ގޮތަކަށް ކުރާ ކަންތައްތަކެއް ކަމަށެވެ. އެމަނިކުފާނަކީ މިގޮތަށް ބަލިކޮށްލެވޭ ވަރަށްވުރެ ވަރުގަދަ ބޭފުޅެއް ކަމަށާއި، ރައީސް ޔާމީނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށެވެ.
ދައުލަތުން ޖިހާދާއި ދެކޮލަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ. ދައުލަތުން ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22ވަނަ ދުވަހު ނިންމި ނަމަވެސް މިކަމުގައި ޖިހާދު އަމަލުކުރައްވާފައިވަނީ އެ މަޖިލީހުގެ ނިންމުމާއި ހިލާފަށްކަމަށެވެ.
މިގޮތުން ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމެވުމުގައި އޮތް %50 އިންސައްތަ ގެ ބަދަލުގައި، ދައުލަތުގެ %25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑްކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް ޖިހާދުގެ މައްޗަށް އަންނާނެއެވެ.މި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލްކޯޓުގައި ފެށުމުން ޖިހާދު ވަނީ ދައުވާއަށް އިންކާރުކުރައްވާފައެވެ.