ރަސްގެތީމަށް މީގެކުރިން ނުލިބިހުރި ތަރައްޤީގެ އެތައްކަމެއް ސަރުކާރުން ދަނީ ކޮށްދެއްވަމުން!

ރަސްގެތީމަށް މީގެކުރިން ނުލިބިހުރި ތަރައްޤީގެ އެތައްކަމެއް ސަރުކާރުން ދަނީ ކޮށްދެއްވަމުން!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 01:58
0

މީގެކުރިން ނުލިބިހުރި ތަރައްޤީގެ އެތައްކަމެއް ރަސްގެތީމަށް ސަރުކާރުން ދަނީ ކޮށްދެއްވަމުން ކަމުގައި އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.ރަސްގެތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިހާތަނަށް ރަށަށް ނުލިބިހުރި ތަރައްޤީގެ އެތައްކަމެއް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާތީ އެކަން ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޕްރޮޖެކްޓަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމާއި ފުޓްބޯޅަ ދަނޑުތަރައްޤީކުރުމަށް ބޭނުންވާކަމާއި، އައިސްޕްލާންޓް އަދި އޭޓީއެމްގެ ޚިދުމަތްފަދަ ކަންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ ބާރާއި އިޙްތިޔާރުގެ ބޭނުންހިފައި ރަށުގެ ތަރައްޤީއަށް މަސައްކަތްކޮށްދިނުމަށާއި ސަރުކާރުން ރަށުގެ ތަރައްޤީއަށް ހިންގާ ކަންކަމުގައި އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކައުންސިލުން އެ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފައި އެފަދަ ޚިދުމަތްތަކާއި ޕްރޮޖެކްޓްތައް ކައުންސިލުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ އެލަވަންސް ބޮޑުކުރައްވަން ސަރުކާރުން ނިންމަވާފައިވާ ނިންމެވުން ތަކުރާރު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްގެތީމުގައި ހުންނަ ބައެއް އާސާރީ ތަންތަން ކަމުގައިވާ އިހުގެ 2 ޒިޔާރަތަކާއި މިސްކިތެއްގެ ވަޅާ އަދި އާސާރީ ވަޅެއް ބައްލަވާލައްވައިފައެވެ. ރަސްގެތީމަކީ ފޯކްލޯތަކުގައިވާގޮތުން ކޮއިމަލާ ރަސްގެފާނު އެންމެ ފުރަތަމަ ފައިބާވަޑައިގެންނެވި ރަށެވެ. އަދި މިރަށުން އެކިދުވަސްވަރު ވަނީ ކުރީގެ އާސާރީ ބައެއް ތަކެތިވެސް ނަގާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ރަސްގެތީމަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.