ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުން ރ. އަތޮޅަށާއި އަދި ށ. އަތޮލުގެ ބައެއް ރަަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ރ. އަލިފުއްޓަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން ރައީސަށް މަރުހަބާ ކިޔުމަށްޓަކާ އެރަށުގެ ބަނދަރުގައި އެއަރޕޯޓު ޓަވަރުގެ ނަކަލެއް ހަދައިފިއެވެ.
ރައީސްގެ ދެކަބަލުން ރ. އަލިފުއްޓަށް މި ވަޑައިގެންނެވީ، އެރަށުގައި އެއަރޕޯޓެއް އެޅުމަށްޓަކާ ބޮޑު މަޝްރޫއެއް ސަރުކާރުން އިއުލާން ކުރައްވާ، އަދި ރ. އަލިފުށީގައި ބިން ހިއްކާ އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނިކޮށެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަނީ މިމަހުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މި މަޝްރޫޫއުގެ ދަށުން، ރ. އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށް ހާއްސަކޮށްގެން ހިއްކޭ ބިމެވެ. އަދި 40.05 ހެކްޓަރުގެ ބިމަކީ އެއާޕޯޓު ތަރައްޤީ ކުރުމަށް ހިއްކާ ބިމެއްކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލުމާތު ދީފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން އަލިފުށީގައި 1200 މީޓަރުގެ ރަންވޭއެއް ޤާއިމުކޮށް އެއާޕޯޓެއް ތަރައްޤީ ކުރެވިގެންދާނެއެވެ. މީގެ މީގެ އިތުރުން އަލިފުށީގައި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމެންޓަކާއި 480 މީޓަރުގެ ގްރޮއިންއެއް ޤާއިމް ކުރެވިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުން ރ. އަތޮޅަށާއި އަދި ށ. އަތޮލުގެ ބައެއް ރަަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރ. އަލިފުއްޓަށް ވަޑައިގެން އެރަށުގެ ކައުންސިލާ އިއްޔެވަނީ ބައްދަލު ކޮށްފައެވެ.
މި ބައްދަލު ކުރެއްވުމުގައި، އެރަށުގައި ކުރިޔަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމުގައި ކަމުގައިވެސް، ކައުންސިލްގެ ފަރާތުން ރައީސަށް ދަންނަވާފައި ވެއެވެ.
އަދި މި ބައްދަލުވުމުގައި، އަލިފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މައުލުމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސާލިހުއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި، އަލިފުށީގައި ގެދޮރު އެޅުމުގައި ހުރި ދަތިތަކާއި، އަލި ފުށީ ހޮސްޕިޓަލްގެ މަސައްކަތައް ލަސްވަމުން ދާދިއުމުގެ ކަންބޮޑުވުންތަކުގެ އިތުރުން، އަލިފުށީގައި ކޮމިއުނިޓީ ސެންޓަރެއް ބިނާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ވަނީ ރައީސަށް ދަންނަވާފައެވެ.
އަދި މީގެއިތުރުން، އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން މަސައްކަތް ކުރާނެ އޮފީހެ ނެތުމުގެ ކަންބޮޑުވުންވެސް އެކޮމިޓީންވަނީ ރައީސަށް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ، އެރަށުގައި 30 އެނދުގެ މިޑް ރޭންޖުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައި ވާކަމަށްވެސް ކައުންސިލަށް ދަންނަވާފައެވެ. އަދި ރަށަށް ކުރިމަތި ވެފައިވާ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ހިންގާ އެކި އެކި ލޯނު ސްކީމާ ބެހޭ މަޢުލޫމާތު ރައީސް ކައުންސިލާ ހިއްސާ ކުރެއްވިއެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ރ. އަލިފުށިގައި ކުރިޔަށް ގެންދާ އެއްޕޯޓު ޕްރޮޖެކްޓަކީ ބަޖެޓުގައި ހިމަނާފައި ނެތް ޕްރޮޖެކްޓެއް ކަމަށްބުނެ، މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ކުއްލިއަކަށް އަލިފުށީގައި ހިންގަން ސަރުކާރުން ނިންމުމުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިއުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ރ. އަތޮޅު އެތުރިފައި އޮތް ގޮތުން، ގިނަ ރިސޯޓުތައްވެސް އަލިއްފުއްޓާ ދުރުގައި އޮވެފައި، އަދި ރ. އަތޮޅުގެ އާބާދީގެ ބޮޑުބައެއް އަލިފުއްޓާ ދުރުގައި ގައިމްވެފައި އޮއްވާ، މުޅި އާބާދީއަށް ޖުމްލަކޮށް ފައިދާ ނުވާގޮތަށް އަލިފުށީގައި އެއަރޕޯޓު އެޅުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެއަތޮޅުގެ ބައެއް ރަށްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް، އަލިފުށީ ދާއިރާގެ މެމްބަރު ވިދާޅުވެފައިވަނީ، އެއަރޕޯޓުގެ މައްސަލާގައި ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ޒާތީ ވެގެން ދައްކާވާހަކަ ތަކެއް ކަމަށާއި، އެއަރޕޯޓު އެޅުމާއިގެން ކުރިޔަށް ވަޑައިގަންނަވާނޭ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި، އަލިފުށީ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު ހުސެއިން، ބިގޭއާއި ދެބޭފުޅުންނަކީ ދެ ޅިޔަނުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ.އަލިފުށްޓަަށް ކުރައްވަމުން މިގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ