މިހާރު އޮޕަރޭޓް ނުކޮށް ބަންދު ކޮށްފައިވާ އައްޑޫގެ ދެ ރިސޯޓު ކަމަށްވާ، ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާއާއި ކެނަރީފް ރިސޯޓު ނުހުޅުވޭތީ، މިއަހަރު އައްޑޫގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރަން މިހާރު ނިންމާފައިވާ ކަމުގައި، އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅު ވެއްޖެއެވެ.
މޭޔަރު ނިޒާރު މިހެން ވިދާޅުވެފައިވަނީ، އައްޑޫ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުމަށް ކްލަބް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ކްލަބް ހައުސް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވެފައިވަނީ، އައްޑޫގައި އޮތް ދެރިސޯޓު ކަމުގައިވާ ޝަންގްރިއްލާ އާއި ކެނަރީފް މިވަގުތު ބަންދު ކޮށްފައި އޮތުމަކީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށާއި، މި ދެރިސޯޓު ހުޅުވޭނެ ދުވަހެއްގެ އުއްމީދެއް ނެތި، އައްޑޫގައި ޓުއަރިޒަމް ދުވަސް ކުލަގަދަ ކޮށް ފާހަގަ ކުރުމަކީ އެންމެ ރަގަޅު ގޮތް ނޫން ކަމުގައެވެ.
"އައްޑޫގައި ޓޫރިޒަމް ދުވަސް ފާހަގަވެގެންދާއިރު އައްޑޫގައި އެންމެ ރަނގަޅަށް ހިންގަމުންދިޔަ ދެ ރިސޯޓު ބަންދުވެފައި އޮވެގެން އެކަން ކުރުމަކީ އެދެވޭ ގޮތެއް ނޫން. އެކަން ޓޫރިޒަމް މިނިސްޓަރަށް ވެސް އަދި ރައީސަށް ދަންނަވައިގެން، އަޅުގަނޑުމެން މިހާރު ވާނީ އެހާ ބޮޑުކޮށް އެކަން ފާހަގަނުކުރަން ނިންމާފައި. އައްޑޫ ރައްޔިތުންނަށް އެ ދެ ރިސޯޓު ނުހުޅެވޭ ހިނދަކު އެފަދަ ކަމެއް އައްޑޫގައި ކުރުމަކީ ރުހޭ ގޮތެއް ނޫން" ކުލަބް ހައުސްގައި ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވެފައި ވެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވެފައިވަނީ، މި ދެރިސޯޓުވެސް އޮތީ ކުޑަ ދުވަސްކޮޅެއްގެ މަސައްކަތުން ހުޅުވޭ ހާލަތުގައި ކަމަށާއި، އެހެންނަމަވެސް، މިކަން ލަސްވެގެންދަނީ، ވެރިފަރާތްތަކާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އަންނަން ޖެހޭ ކަންކަމުގައި އެއްބަސްވުމަކަށް ނާދެވިގެން ކަމުގައެވެ.
މި ދެރިސޯޓަކީ އައްޑޫގެ 500 އެއްހަ ރައްޔިތުން ވަޒީފާ އަދާކުރަމުން ދިޔަ ދެ ރިސޯޓެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހަކީ މިމަހުގެ 27ވަނަ ދުވަހެވެ. އަދި މިއަރުގެ މިދުވަސް ކުލަގަދަ ކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އައްޑޫގައެވެ.