ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެ ޖަމާއަތުގެ ބާރުގެދަށަށް ގެނައިތާ 3 ހަފްތާފަހުން، އެޖަމާއަތުން އިއުލާންކުރި، އަފްއާނިސްތާނުގެ އިންތިގާލީ ސަރުކަރުގެ ވެރިޔަކަށް އެ ޖަމާއަތުން ހަމަޖައްސާފައިވަނީ މުއްލާ މުހައްމަދު ހަސަން އަޚުންދުއެވެ.
ޔޫއެންއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މުއްލާ އަޚުންދުއަކީ، ތާލިބާން ޖަމާއަތުގެ ސިޔާސަތު ކަނޑައަޅާ ބާރުގަދަ ގުވަނެއް ކަމުގައިވާ ރެހްބަރި ޝޫރާ ނުވަތަ ލީޑަރޝީޕް ކައުންސިލްގެ އިސްވެރިޔާގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ، ތާލިބާނުން 1996 އިން 2001 ވަނަ އަހަރާ ހަމައަށް އަފްއާނިސްތާނުގެ ވެރިކަން ކުރިއިރު، އެންމެ ފުރަތަމަ ޚާރިޖީ ވަޒީރުކަން ކުރުމަށްފަހު، އޭގެފަހުން އެސަރުކާރުގެ ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅާއެވެ.
ކާބުލްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވެފައިވަނީ، ތާލިބާން ޖަމާއަތުން އެކުލަވާލާ އިންތިގާލީ ސަރުކާރުގައި މުއްލާ އަޚުންދުގެ ނާއިބެއްގެ މަގާމުގައި ހުންނަވާނީ އެ ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ އަބުދުލް ޢަނީ ބަރަދަރު ކަމުގައެވެ.
ތާލިބާން ޖަމާއަތުގެ ލީޑަރޝިޕްގައި ތިއްބެވި އެހެން ފަރާތްތައް ފަދައިން މުއްލާ އަޚުންދުވެސް އެޖަމާއަތުގެ ތެރޭގައި އޭނާއަށް ލިބިގެން ގޮސްފައިވާ އިހުތިރާމް ހޯއްދަވާފައިވަނީ، ތާލިބާން ޖަމާއަތުގެ އެންމެ ފުރަތަމަ ބާނީ، މުއްލާ މުހައްމަދު އުމަރުގެ ގާތްބޭފުޅެއްގެ ގޮތުގައި އޭނާ ކުރައްވާފައިވާ މަސައްކަތްތަކާ ގުޅިގެންނެވެ.
އަޚުންދު އުޅެ ބޮޑުވެފައިވަނީ އަފްއާނިސްތާންގެ ކަންދަހާރުގައެވެ. ކަންދަހާރަކީ ތާލިބާން ޖަމާއަތް އުފެދިގެން އައި ޕްރޮވިންސެވެ.
އަޚުންދަށް ދަަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫއެންއިން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އަޚުންދުއަކީ، ތާލިބާން ޖަމާއަތުގެ ބާނީ، މުއްލާ އުމަރުގެ "ވަރަށް ގާތް، އަދި ސިޔާސީ މުޝީރެއް" ކަމުގައެވެ.
ތާލިބާން ޖަމާއަތާ ގުޅުންހުރި ބައެއް ފަރާތްތަކުން ރޮއިޓާސް ނިއުސް އޭޖެންސީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އަޚުންދުއަކީ، ތާލިބާން ޖަމާއަތުގެ ތެރޭގައި ވަރަށް ބޮޑަށް އިޙުތިރާމް ލިބިފައިވާ، އަދި ވަކީން ޚާއްސަކޮށް، އެ ޖަމާޢަތުގެ މިހާރުގެ ރޫޙާނީ ލީޑަރު ހައިބަތުﷲ އަޚުންޒާދާގެ އިހުތިރާމް ވަރަށް މަތީ ދަރަޖައަކަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
މަސްރަޙު ދިރާސާކުރާ ބައެއް ފަރަތަތަކުން ވިދާޅުވާ ގޮތުގައި، މިހާރު އުމުރުން 60 އަހަރަށްވުރެ މަތީގައި އުޅޭކަމަށް ބެލެވޭ އަޚުންދުއަކީ، އެޖަމާއަތުގައި ތެރޭގައި ދީނީ ޝަޚުސިއްޔަތެއްގެ ގޮތުގައި ބެލެވުމަށްވުރެ ބޮޑަށް ސިޔާސީ ޝަޚުސިއްޔަތެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. ނަތީޖާއެއްގެ ގޮތުން، ލީޑަރޝިޕް ކައުންސިލްގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ތާލިބާން ޖަމާއަތުގެ އަސްކަރީން ނިންމުންތަކަށް ބަސްބުނުމުގެ ބާރުވެސް އަޚުންދުއަށްވަނީ ލިބިގެން ގޮސްފައިވެއެވެ.
މުއްލާ އަޚުންދުގެ ދަރިފަސްކޮޅު ގުޅިފައިވަނީ، އަފްއާނިސްތާން ޕަޝްތޫން ދަރިކޮޅާއެވެ. އަދި އޭނާގެ ދަރިފަސްކޮޅު ގުޅިފައިވަނީ، ފަހުގެ އަފްއާނިސްތާނުގެ ބާނީ އަހުމަދު ޝާހު ދުއްރާނީއާއެވެ. (މީލާދީން 1700 އަހަރުތަކުގައި ދިރި އުޅުއްވި)
މުއްލާ އަޚުންދުވަނީ، ތާލިބާން ޖަމާއަތުގެ ލީޑަރުންގެ ކައުންސިލް، ރަހުބަރި ޝޫރާ ކައުންސިލްގެ އިސްވެރިއެއްގެ ހައިސިއްޔަތުން، އެޖަމާއަތުގެ ލީޑަރޝިޕްގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން، އެޖަމާއަތަށް މަގުދައްކައި ދިނުމުގައިވެސް ފާއިތުވެދިޔަ ދިގު މުއްދަތުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
އާންމު ގޮތެއްގައި، ޤުއެއްޓާ ޝޫރާގެ ނަމުން މުޚާތަބު ކުރެވޭ ތާލިބާން ޖަމާއަތުގެ ރަހުބަރި ޝޫރާ ކައުންސިލް އުފެދިގެން ދިޔައީ އެމެރިކާ ސިފައިން އަފްއާނިސްތަނަށް އަރާ، 2001 ވަނަ އަހަރު އޭރުއޮތް ތާލިބާން ޖަމާއަތުގެ ސަރުކާރު ވައްޓާލުމަށް ފަހުއެވެ.
މުއްލާ އަޚުންދުއަކީ، އިސްލާމްދީނާ ގުޅޭ އެތަކެއް ފޮތްތަކެއްވެސް ލިޔުއްވާފައިވާ ބޭފެޅެކެވެ.