ޕޮލިޓެކްނިކްގެ އޮޓޮމޯޓިވް ވޯކްޝޮޕް ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްތަކާއެކު މިއަދު ހުޅުވައިފި.
ޕޮލިޓެކްނިކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވޯރކްޝޮޕް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ.
މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހުޅުވިގެންދިޔަ މި ވޯރކްޝޮޕް އަކީ އޮޓޯމޯޓިވް މަސައްކަތްތައް ދަސްކޮށްދިނުމާއި އެކަމާއި ގުޅޭ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްތައް ހިމެނޭ ވޯރކްޝޮޕެއް. މިވޯރކްޝޮޕުގައި ދަރިވަރުން ކިޔެވުމާއި މަސައްކަތް ދަސްކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީ ހަދިޔާކޮށްފައިވަނީ މީރީ ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު.
ޒަމާނީ ފެންވަރެއްގައި މިފަދަ ވޯރކްޝޮޕެއް ހުޅުވިގެން ދިއުމަކީ މިދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ވަޒީފާއާއި އިތުރު ވިޔަފާރީތަކަށް އޮތް ދޮރެއްކަމަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު މިނިސްޓަރ ނަހުލާގެ ވާހަކުފުޅުގައި ވަނީ ފާހަގަކުރައްވާފައި. މީގެ އިތުރުން މިވޯރކްޝޮޕަކީ ކުރިމަގުގައި ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ރޯޑްވޯރދިނަސް ހެދުމުގައި މިހާރު ލިބެންނެތް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ވޯރކްޝޮޕެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި.
މި އާއެކު މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންގެ ވާހަކަފުޅުގައި މިއަދު މިހުޅުވުނު އޮޓޯމޯޓިވް ވޯރކްޝޮޕްގެ ސަބަބުން މޯލްޑިވްސް ޕޮލިޓެކްނިކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް ވަނީ ފާހަގަކުރައްވާފައި. އަދި ވޯރކްޝޮޕް ތަރައްޤީ ވުމުން މިދާއިރާގެ އުފެއްދުންތެރި އާ ޚިޔާލު ތަކެއްގެ ތެރެއިން ރާއްޖޭގެ މާހައުލާ ގުޅޭ އީޖާދީ އުފެއްދުންތަކެއް ފެނިގެން ދާނެކަމުގެ އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާސިރު ވާހަކަފުޅު ދައްކަވަމުން، އޮޓޮމޯޓިވް ދާއިރާއަށް ކިޔަވަދޭނެ މީހުން ތަމްރީން ކުރަންޖެހޭ ވާހަކަ ވަނީ ފާހަގަ ކުރައްވާފައި. އަދި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ދަތި ކަމަކީ މި ދާއިރާއިން މީހުން ތަމްރީނުކޮށްދޭނެ ފަރާތްތައް ނުލިބުންކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައި.
މީގެ އިތުރުން ޕޮލިޓެކްނިކުން މަސައްކަތް ކުރަމުން ގެންދަނީ މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ޒަމާނީ ވަސީލަތްތާކާއެކު މީހުން ތަމްރީނުކުރުންކަމަށްވެސް ފާހަގަކުރެއްވި.
މޯލްޑިވްސް ޕޮލިޓެކްނިކްގައި އޮޓޯމޯޓިވް ދާއިރާއިން މީހުން ތަމްރީނުކުރަންފެށުނީ 2016 ވަނަ އަހަރުގައި. އަދި އޮޓޯމޯޓިވް ދާއިރާއިން މިހާތަނަށް 80 ދަރިވަރުން ވަނީ ތަމްރީންވެފައި. މީގެ އިތުރުން އޮޓޮމޯޓިވް ދާއިރާއިން ޕޮލިޓެކްނިކުން މިހާރު ހިންގަމުންދާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ
- ޑިޕްލޮމާ އިން އޮޓޯމޯޓިވް އިންޖިނިއަރިންގ
- އެޑްވާންސްޑް ސެޓްފިކެޓްއިން އޮޓޯމޯޓިވް އިންޖިނިއަރިންގ
- ސެޓްފިކެޓް3 އިން އޮޓޯމޯޓިވް ރިޕެއަރ އެންޑް މެއިންޓަނަންސް
މި އާއެކު ދެން ޕޮލިޓެކްނިކުން އިތުރު އިންޓޭކްއެއް ފަށްޓާނީ 2022 ވަނަ އަހަރުގެ ޖެނުއަރީގައިކަމަށް ޕޮލިޓެކްނިކްގެ ސްޓޫޑެންޑް ސާވިސް ޑިރެކްޓަރ މާޖިދާ މަޖީދް ވިދާޅުވި.
ކޮމެންޓު ފޮނުވާ