ވަޒީފާގެ ބިރުދައްކައި، މީހުން ބަދެވިގެން މަސައްކަތް ކުރި ޒަމާން މާޒީވެއްޖެ ކަމުގައި މާލެ ސިޓީގެ ރައީސްކަމަށް ވާދަކުރައްވާ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިފާ މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ކެމްޕެއިންގެ ހަރަކާތްތަކުގައި އެމްޑީޕީގެ ބައެއް މަޤާމުތަކުގައާއި، ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިއްބެވި އެމްޑީޕީ މެމްބަރުންނާއި، ސިވިލްސާވިސްގެ ބައެއް މީހުން ހަރަކާތްތަކަށް ނިކުންނަނަށް ޖެހިލުންވެ، ދިމާވާ ފިއްތުންތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ސިފާ ވިދާޅުވެފައިވަނީ ވަޒީފާގެ ބިރުދައްކައިގެން ސިޔާސީ ކަންކަމަށް ނިކުތުމަށް މިއަދުވެސް ހުރަސްތަކެއް ކުރިމަތިވާތިވާކަމަށެވެ. ނަމަވެސް މިއީ ވަޒީފާގެ ބިރަށްޓަކައި ތިމާގެ ޤައުމާއި، އަމިއްލަ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފަސްޖެހެންވީ ވަގުތު ނޫންކަމަށެވެ. ސަރުކާރާއި، ދައުލަތާއި، އަދި ސިޔާސީ ޕާޓީތަކުގެ މަސައްކަތް އޮޅުވާލައި، ނިޒާމު އޮޅުވުލަމީ ޒިންމާދާރު ކަމެއްނޫންކަމަށެވެ.
އެމްޑީޕީ ނިކުތީވެސް ޤައުމު ބިނާކުރަން ކަމަށާއި، ޤައުމު ބިނާކުުރުމުގައި އެމްޑީޕީއަކީ ވަކި ލީޑަރެއްފެ ފަހަތުން އެމީހަކު ހުއްޓޭ ހިސާބުގައި ހުއްޓި އޮންނާނެ ޕާޓީއެއް ނޫންކަމަށް ސިފާ ވިދާޅުވިއެވެ. އަދި ޚާއްސަކޮށް މިހާރުގެ ޕާޓީގެ ރައީސް ނަޝީދާއި، ރައީސް ޞާލިހުއާއި ހަމައިން އެމްޑީޕީން ނުހުއްޓޭނެކަމަށް އެމްޑީޕީއަކީ ޤައުމަށް ޚިދުމަތް ކުރުމަށް އޮތް ޕާޓީއެއްކަމަށް ސިފާ ވިދާޅުވިއެވެ.
މިޕާޓީއަކީ ވަކި ވަކި ލީޑަރުންނަށްވުރެއް ބޮޑު ޕާޓީއެއް. ރައީސް ޞާލިހު، ރައީސް ނަޝީދު އާއި ހިސާބުން ހުއްޓޭ ޕާޓީއެއްނޫން. މިއަދު ބަޔަކަށް ވަރަށް އޮޅިއްޖެ. މިއީ ޤައުމެއް ބިނާކުރަން ނިކުތް ޕާޓީއެއް. ސަރުކާރާއި، ޕާޓީއާއި، ދައުލަތް އޮޅޭތީ ދަންނަވާލީ. ވަޒީފާއަށް ބިރުދައްކުމާއި، ބަނދެވިގެން ގެންގުޅުނު ޒަމާން މާޒީވެއްޖެ. ހިތްވަރާއިއެކު ނިކުމެ އަނެއްކާވެސް ސިޔާސަތު އިސްކޮށް ޕާޓީ ރޫހު އިސްކުރަން ގޮވާލަން.
– ސިފާ ވިދާޅުވިއެވެ.
މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި، މާލެ ސިޓީގެ ރައީސްކަމަކީ އެންމެ ވާދަވެރިވާނެ އެއް މަޤާމެވެ. މިމަޤާމަށް ވާދަކުރައްވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ސިފާ މުހައްމަދެވެ. އަޑުތައް ފެތުރުފައިވާ ގޮތުން އަކްރަމްއަކީ ރައީސް ޞާލިހު ފެކްޝަންގެ ބޭފުޅެކެވެ. އަދި ސިފާއަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.
މިއިންތިޚާބުގައި އެކި ދާއިރާތަކަށާއި، އެކި މަޤާމުތަކަށް 730 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށްކަމަށް އެމްޑީޕީން ބުނެއެވެ.
ކޮމެންޓު ފޮނުވާ