ސްކޫލް ކުދިންނަށް ހެނެދުނުގެ ނާސްތާ ފޯރުކޮށް ދިނުމަށްޓަކާ ކުރިޔަށް ގެންދަމުންއައި، މިހާރު ހުއްޓިފައިވާ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅު ވެއްޖެއެވެ.
އިއްޔެ ވެލާނާ ގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ހުއްޓުމަކަށް އައީ ކޯވިޑް19 ކާރިސާގެ ސަބަބުން ކަމަށާއި، ނަމަވެސް، މިހަރު ކޯވިޑްގެ ހާލަތު ރަގަޅުވެފައިވުމާ އެކު، އަންނަ ޖެނުއަރީމަހު އެ ޕްރޮގްރާމް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ، ކޯވިޑް ފެތުރެން ފެށުމާއެކު، މިޕްރޮގްރާމް އޭރު ހުއްޓާލަން ޖެހުނީ، ބަލިމަޑުކަމެއް ފެތުރެމުން ދަނިކޮށް، ބޭރުން ގެންނަ ކާއެއްޗެތި ދަރިވަރުންނަށް ކާން ދިނުމަކީ ސިއްޙީ ގޮތުން ރައްކާތެރިކަމަށް ނުވާނެތީ ކަމުގައެވެ. އެހެންނަމަވެސް، އޭރު މިޕްރޮގްރާމް ހުއްޓާލި ހުއްޓާލުމަކީ، ޕްރޮގްރާމް ދެން ކުރިޔަށް ނުގެންދިއުމަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، އޭރު ޕްރޮގްރާމް ހުއްޓާލާފައިވަނީ ވަގުތީ ގޮތުން ކަމުގައެވެ. އަދި ވިދާޅުވީ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ މިސަރުކާރުގެ މުހިންމު ވައުދެއްކަމުގައެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމުގެ ގޮތުން، ރަސްމީކޮށް މި ނާސްތާ ޕްރޮގްރާމް ފެށުމުގެ ކުރިން، 2019ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ، އަޖުމަ ބެލުމުގެ ގޮތުން އެންމެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުން، 25 ސްކޫލެއްގައި ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ