ގައުމީ ތަރައްގީއާއި، އަދި އެނޫންވެސް ދާއިރާތަކުގައި އަންހެން ބޭފުޅުންނަށް ހުރި ފުރުސަތުތައް އަދިވެސް އިތުރު ކުރެވޭނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅު ވެއްޖެއެވެ.
ހިދުމަތްތެރި އަންހެނުންނަށް ހާއްސަ "ރެހެންދި އެވޯޑު" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުވެސް ވަރަށް މަތީ މަގާމުތަކުގައި ހިދުމަތްތެރި ގާބިލު އަންހެނުން އެބަތިބި ކަމަށާއި، ޒުވާނުންގެ ތެރޭގައި ވެސް އެފަދަ ގާބިލް އަންހެން ކަނބަލުން ތިބި ކަމަށެވެ. އެހެންނަމަވެސް އަދިވެސް މުޖުތަމަޢުގައި އަންހެން ކަނބަލުން ނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިގޮތުން ރައީސް ވިދާޅުވީ، މުހިންމު ނިންމުންތައް ނިންމާ ހިސާބުތަކުގައި އަދިވެސް އަންހެން ކަނބަލުންގެ ދައުރު ކުޑަކަން ފާހަގަ ކުރެވޭ ކަމަށެވެ.
"އޭގެ ނަތީޖާއަކަށް ވެފައި މިއޮންނަނީ ގައުމީ ތަރައްގީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުސަތު ނުލިބުން. ސިޔާސީ ދާއިރާއާއި އިޖްތިމާއީ ދާއިރާގައި ވެސް މިދެންނެވި ހުސްކަން ފެންނަން އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ އަންހެން ކަނބަލުންގެ ކުރިއެރުމަށް ހުރަސް އެޅޭގޮތަށް މުޖުތަމަޢުގެ ތެރޭގައި ހުރި ފިކުރުތައް ތައްތާލުމަކީ ހަމައެކަނި ގާނޫނުތައް ފާސްކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކާމިޔާބު ކުރެވޭނީ ވިސްނުމާއި ފިކުރަށްވެސް ބަދަލުތަކެއް ގެނެސްގެން ކަމުގައެވެ.
ރައީސް ސާލިހު ވިދާޅުވި ގޮތުގައި އަންހެނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލާ އަންހެނުން ބާރުވެރި ކުރުވުމަކީ އެމަނިކްފާނުގެ ސަރުކާރުގެ އަމާޒެއް ކަމަށާއި، މިގޮތުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެވި، ކައުންސިލްތަކުގެ ތިންބައި ކޮށްފައި އެއްބަޔަކީ އަންހެން ކައުންސިލަރުންނަށް ވުން ލާޒިމް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ކޮމިޓީތައްވެސް ރަށްރަށުގައި އެކުލަވާލެވިފައިވާ ކަމަށާއި، މި ކޮމިޓީތަކުގައި ކޮންމެ ރަށަކުންވެސް 5 އަންހެން ބޭފުޅުން ތިއްބަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މި މުުހިންމު ބަދަލުތަކުގެ ސަބަބުން ތަރައްގީގެ ސިޔާސަތު ނިންމުމުގައި އަންހެނުންގެ ބައިވެރިވުން މިހާރު އިތުރުވެއްޖެ،" ރައީސް ވިދާޅުވިއެެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހުވަނީ، ރާއްޖޭގެ ތާރީޚުގައިވެސް އަންހެނުން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ ދިވެހި އަންހެނުންގެ ހުނަރާއި ހިތްވަރާ ކެރުމަށް ރައީސް ވަނީ ތައުރީފް ކުރައްވާފައެވެ.
ރެހެންދި ސްކޫލުގައި އޮތް ރެހެންދި އެވޯޑު ދިނުމުގެ ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.