ވެރިކަމަށް އައުމަށް އެކުލަވާލި އިއްތިހާދު މެނިފެސްޓޯގައި ނެތްކަމެއް، ވަކި މީހަކު ނުވަތަ ވަކި ޕާޓީއަކުން ބޭނުންވެގެން މެނިފެޓޯއަށް ވައްދަން މަސައްކަތް ުކރިޔަސް އެކަމަށް ނުކުރެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީފިޔަވައި ދެން ތިއްބެވި ޕާޓީތަކުން އެއްބަސްވިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ މިހާރު އަމަލުކުރަމުންދާ ކޯލިޝަން މެނިފެސްޓޯގައި އޮތް އެއްޗެއްކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ކުރަން އެއްބަސްވި ކަންކަން އެހުރީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއިން ފެންނާނެކަމަށެވެ. ވަކި ޕާޓިއެއް ބޭނުންވިޔަސް އޭގައި ނެތުމުން ދޭހަކޮށްދެނީ އެއީ ޕާޓީތަކުގެ ނިންމުމެއް ނޫން ކަމުގައި އަމީން ވިދާޅުވިއެވެ.
ވަކި ކަމަކާމެދު ޕާޓީއަކުން ނޫނީ ވަކި ބޭފުޅަކު ތަފާތު ގޮތެއް ބޭނުންފުޅުވުމަކީ ދެން ތިބި އެންމެން ކޮންމެހެން އެއަށް ބޯލަނބަންޖެހޭ ސަބަބެއްވެސް ނޫން. އަދި ވަކި ވޯޓަކަށް ބަޔަކު ތާއީދުކުރުމަކީ ނުވަތަ ނުކުރުމަކީ އިއްތިޙާދުގެ މެނިފެސްޓޯއަށް މިހާރު ލުމަށް އޮތް ހުއްޖަތެއްވެސްނޫން.
– އަމީން ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނަކީ ރައީސް ޞާލިހުވެސް ދެކޮޅު ކަމެއް ނޫންކަމަށެވެ. އަދި މިކަން ކުރެވެން އޮތީ ނިޒާމުގެ ވޯޓު ނަގައިގެން ރައްޔިތުންގެ ޚިޔާލު ހުރިގޮތް އެގުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި ކަމަށް މެނިފެސްޓޯ ކަމަށެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނެ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ.