ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ލިބުނު ޒަހަމްތަކުގެ "ދިޔަ" ބަދަލު ނަގަން ބޭނުންވާ އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާ ގުޅިގެން އެމަނިކުފާނަށް ދިޔަ ނަގަން ބޭނުންވާތީ އެ ހަމަލާއާ ގުޅޭ ލިޔެކިޔުންތައް ހޯދަން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދިފައެވެ. އެމަނިކުފާނުގެ ވަކީލަކަށް އައްޔަންކުރައްވާފައިވަނީ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރެވެ.
އަޅުގަނޑު ދިޔަ ނަގަން ބޭނުން، އަޅުގަނޑުގެ ވަކީލަށް ތިޔަ ކަންތަކާ ގުޅޭ ގޮތުން ބޮޑަށް ސާފުވެވަޑައިގަންނަވާނީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ގުނަވަނަށް ލިބޭ ޒަޚަމަށް ދިޔަ ނަގައިދޭނީ ގެއްލުން ލިބުނު ގުނަވަނެއް ބޭނުންނުކުރެވޭ މިންވަރަށް ގެއްލުންވުމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ތިން އިނގިލި ހަރަކާތްނުކުރާ ކަމަށެވެ. އަދި ފަހަރުގައި އެ ގުނަވަންތައް ބުރިކުރަން ޖެހިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ނަޝީދު އަވަރާކޮށްލަން ހަމަލާ ދިނީ ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު މަގާއި މަޖީދީމަގު ގުޅޭ ކަންމަތީ ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ. ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުއްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރު ވަންދެން އޮޕަރޭޝަން ކުރިއެވެ.
އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު މޭ 13 ގައި އިތުރު ފަރުވާ އަށް ނަޝީދު ޖަރުމަނަށް ވަޑައިގަތެވެ. އަދި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވަން އެ ގައުމަށް ވަޑައިގަތީ ޖުލައި އެއް ވަނަ ދުވަހު އެވެ. އަދިވެސް ހުންނެވީ އެ ގައުމުގައެވެ. އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ލިބުނު ޒަހަމްތަކުގެ ސަބަބުން ކަނާތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި އަދި މެދު އިނގިލި މިހާރު ހުންނަނީ އައްސި ވެފަ އެވެ. އަދި ވައަތު ކަންފަތުން އިވުމުގެ މައްސަލައެއް ވެސް މިހާރު ހުންނަ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ