ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް، ގިނަބައެއްގެ ކަންބޮޑުވުން!

ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް، ގިނަބައެއްގެ ކަންބޮޑުވުން!

Author
މުޙައްމަދު ޝަޒައިމް
05 ސެޕްޓެމްބަރ 2021 10:51
0

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ފޮތްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލައިގައި ދީނީ އިލްމުވެރިންނާއި، ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް، ލިޔެފައި ހުރިކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ގްރޭޑްތަކުގެ އިސްލާމް ފޮތްތަކުގެ ތެރެއިން ގްރޭޑް1، 2، 10 އަދި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި ލިޔެފައިވާ ޤުރުއާނުގެ ބައެއް އާޔަތްތައް ހުރީ ނުބައިކޮށް ލިޔެފައެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑރ.ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކީރިތި ޤުރުއާނަކީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު، އެންމެ މަތިވެރި މުޢުޖިޒާ، އެއީ ރައްކާތެރިކުރެވިގެންވާ ފޮތް، އެމާތް ފޮތުގެ އާޔަތެއް ނުވަތަ ސޫރަތެއް ލިޔުމުގައި ނުވަތަ ޗާޕުކުރުމުގައި އެއްވެސް ކުށެއްވާ ނަމަ އަވަހަށް ސަމާލުކަމަށް ގެެނެސް އިޞްލާޙު ކުރަންޖެހޭނެ ކަމަށެވެ. އަދި އިސްލާމާއި ޤުރުއާން ފޮތް ތައް ކިޔަވައިދޭ އިރު، ރަނގަޅަށް ޗެކްކުރުމަށް އިސްލާމް މުދައްރިސުންނާއި ޤުރުއާން މުދައްރިސުންގެ އަރިހުން އެދޭކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިސްލާމާއި ޤުރުއާން ފޮތް ތައް ކިޔަވައިދޭ އިރު، ރަނގަޅަށް ޗެކްކުރުމަށް އިސްލާމް މުދައްރިސުންނާއި ޤުރުއާން މުދައްރިސުންގެ އަރިހުން އެދެން.

– ޝަހީމް ވިދާޅުވިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ޤުރުއާންލިޔެ ޗާޕުކުރާއިރު އެކަމާ ޙަވާލުވެތިބޭ ފަރާތްތަކުން، ކުށެއް ނެތްކަން ޔަޤީންކުރަންޖެހޭކަމަށެވެ.

މިއީ ދެން ހާދަ ދެރަކަމެކޭ. ޤުރުއާންލިޔެ ޗާޕުކުރާއިރު އެކަމާ ޙަވާލުވެތިބޭ ފަރާތްތަކުން، ކުށެއް ނެތްކަން ޔަޤީންކުރަންޖެހޭ.

– އަނާރާ ވިދާޅުވިއެވެ.

ފޮތްތަކުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް، ޝައިޚު މަންސޫރު ވިދާޅުވީ ޤުރުއާން އަދި އިސްލާމް، ފޮތްތަކުގައި އާޔަތްތައް އޮޅޭގޮތައް ލިޔެ ޗާޕްކޮށްފައިވުން، މިއީ އިންތިހާއަށް ފަރުވާކުޑަކޮށްލުމެއް ކަމަށެވެ. އަދި މިއީ ދީނުގެ ހައިބަތާއި ގަދަރުކުޑަކޮށްލުން ކަމަށާއި، މިކަމުގައި އިހުމާލުވި މީހުން ހޯދާ ފިޔަވަޅުއަޅަންޖެހޭކަމަށެވެ. އަދި ވީހާ އަވަހަކަށް ފޮތްތައް އިސްލާހު ކޮށްދެއްވުމަށް އޭނާވެސް ވަނީ ގޮވާލާފައެވެ.

މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން މިމައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލް ކުދިންގެ އިސްލާމް ފޮތްތަކުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެފޮތަށް ބައެއް ބަދަލު ގެންނާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދިޔުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް މިފަދަ އެއްވެސް ބަދަލެއް އިސްލާމް ފޮތަށް ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަނުންވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.