މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝަމާޙް އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.
މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ އައްޑަނަ ޖަލްސާގައި ޝަމާޙް ޕީޕީއެމްއާއި ގުޅިފައިވަނީ 80 އަށްވުރެ ގިނަ މީހުންނާއި އެކުގައެވެ. ޝަމާޙް ރަޝީދަކީ ވިޔަފާރިއާ އިޖްތިމާޢީ ޚިދުމަތާ އަދި ސިޔާސީ މަސައްކަތްތަކުގައިވެސް އުންމީދީ މުސްތަޤްބަލެއް އޮތް ޒުވާން ބޭފުޅެކެވެ. ވިޔަފާރީގެ ދާއިރާއިން ޝަމާހު ވަނީ މެލޭޝިއާގައި މަތީ ތަޢުލީމް ޙާޞިލް ކުރައްވާފައެވެ.
އަދި އޭގެ ފަހުން ތަފާތު އެކި ސިޔާސީ އަދި އިޖްތިމާޢީ މަސައްކަތްތަކުގައި ގިނަ ޚިދުމަތްތަކެއް ކުރައްވަން ފަށްޓަވާފައިވެއެވެ. މިގޮތުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނީއްސުރެ އެ ޕާޓީގެ އެކި ކޮމެޓީތަކުގައި މަސައްކަތްކޮށްދެއްވާފައިވެއެވެ. ރާއްޖޭގެ އެންމެ އާބާދީބޮޑު އަދި ރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެ ސިޓީ ހިންގުމަށް ލާމަރުކަޒީ އުޞޫލުން އިންތިޚާބުވެ ވަޑައިގަތް ފުރަތަމަ ޑެޕިއުޓީ މޭޔަރަކީ އަޙްމަދު ޝަމާޙް ރަޝީދުއެވެ.
އެ މަޤާމުގައި މާލެސިޓީއަށް ގިނަ ޚިދުމަތްތަކެއް ޝަމާޙް ވަނީ ކޮށްދެއްވާފައެވެ. ޝަމާޙް މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގެ ރައްޔިތުންނާ ގުޅިގެން ވިޔަފާރިއާ އިޖްތިމާއީ ތަފާތު ކަންކަން ހިންގަވަމުންނެވެ. ޝަމާޙަކީ ވަރަށް ހީވާގި އެންމެންނާވެސް ގުޅޭ އަދި ތަރައްޤީއާ ކުރިއެރުން ޤައުމަށް ގެނެސްދެއްވުމުގެ ރޫޙާއި ވިސްނުމުގައި އަބަދުވެސް ކުރިއަށް ވަޑައިގަންނަވާ ޒުވާނެކެވެ.