އުމުރު ފުޅުން 53 އަހަރުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ވޭނާއި، ހިތާމާފައި ހޭދަކުރަން ޖެހިފައިވާކަމަށް، މޭމަހުގެ 6 ވަނަ ދުވަގެރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށްފަހު މިހާރުވެސް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) އަށް ކުރެއްވި މެސެޖްތަކެއްގައެވެ. ރައީސް ނަޝީދުގެ ވާހަތައް ދޮންބިލޭ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސް އަޕް ގުރޫޕަށްވެސް ހިއްސާ ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް މިހާރުވެސް ފަރުވާ ހޯދަމުންދާއިރު، ކޮންމެ ދެހަފްތާއަކުން އެއްފަހަރު ހޮސްޕިޓަލުން ފަރުވާ ހޯއްދަވަން ޖެހޭކަމަށެވެ. އަދި މިހާރުވެސް ލިބިވަޑައިގެންނެވި ޒަހަމްތަކުގައި އަތުގެ ތިން އިނގިޔެއް އެއްގޮތަކަށްވެސް ހަރަކާތެއް ނުކުރާކަމަށެވެ. އިގިލިތައް އައްސިވެފައިވުމުން އިތުރު 6 މަސް ދުވަހަށް ބެލުމަށްފަހު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މިވަގުތު ރާއްޖެއަށްދާން ކިތަންމެ ބޭނުންވި ނަމަވެސް، ދީފައިވާ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ އާއިލާއަށްވެސް ކުއްލި ސިހުމާއި ބިރުވެރިކަން ލިބި، އެމަނިކުފާނު ރާޢްޖެއަށް އައުމަށް އެއްވެސް ގޮތަކަށް ނޭދޭކަމަށެވެ. އަދި މިހާރުވެސް ހަމަލާގެ ކަންކަން ކުރިއަށް ގެންގޮސް މިފަދަ ފަރާތްތައް ހައްޔަރު ވެގެން ދިއުމަކީ އެދޭގޮތްކަމަށެވެ.
ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ރާއްޖެއަށް ވަޑައި ގެނުންނެވުނު ކަމުގައި ވީނަމަވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބޭ ގެއްލުން ފޫބެއްދުމަށް ޤައުމީ މަޖިލިސް މެމްބަރުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުވެސް މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ނަޝީދަށް ބައިވެރިވުމުގެ ފުރުސަތު ނުލިބެއެވެ.
ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ ޝަރީއަތް މިދިޔަ މަހުގެ 21ވަނަ ދުވަހު ވަނީ ފަށާފައެވެ. ރައީސް، ރައީސް މުޙައްމަދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ދައުވާކުރާ 2 މީހަކަށް ވަކީލުން ހޯދުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ދީފައެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.
ހަމަލާއާ ގުޅިގެން ބަޔާން ދެއްވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. މެއި 6ގެ ޙަމަލާއާ ގުޅިގެން ބަޔާން ދެއްވަން އެދިވަޑައިގެން ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ވަނީ ޕީޖީ އޮފީހަށް ސިޓީއެއް ފޮނުއްވާފައެވެ. މިކަމާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މެއި 6ގެ ޙަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މި ޙަމަލާއާ ގުޅިގެން މީގެކުރިން އެކިފަހަރުމަތީން ރައީސް ނަޝީދުގެ ބަޔާން ނެގުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ޕީޖީވެސްވަނީ ރައީސް ނަޝީދުގެ ބަޔާނަކީ މިތަހުޤީޤަށް އަދި ޝަރީއަތަށްވެސް ވަރަށް މުހިންމު އެއްޗަކަށް ވާނެކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުޤީގު ކުރިއަށްދާގޮތް ބެއްލެވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިނގިރޭސިވިލާތުގެ ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް ކަރސްޓީ ބްރިމްލޯ އައްޔަން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ