ޖަޕާނުގެ ބޮޑުވަޒީރު، ކުރިޔަށް އޮތް ދައުރުގައި ބޮޑުވަޒީރުކަމަށް ވަޑައި ނުގަންނަވަން ނިންމަފައިފި

ޖަޕާނުގެ ބޮޑުވަޒީރު، ކުރިޔަށް އޮތް ދައުރުގައި ބޮޑުވަޒީރުކަމަށް ވަޑައި ނުގަންނަވަން ނިންމަފައިފި

Author
ހުސެއިން
03 ސެޕްޓެމްބަރ 2021 09:06
0

މިމަހުގެ ފަހުކޮޅު އޮންނަ ޖަޕާނުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރަޝިޕަށް ވާދަ ނުކުރައްވަން ނިންމަވާ، ކުރިޔަށް އޮތް ދައުރުގައި ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައި ނުގަންނަވަން، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ ނިންމަވައިފިއެވެ.

ޖަޕާނުގައި މިހާރު ވެރިކަން ކުރަމުންދާ ޕާޓީ ކަމުގައިވާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރޝިޕަށް މިމަހު ފަހުކޮޅު ބޭފުޅަކު ހޮވުމަށްޓަކާ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުރިޔަށް އޮތް ދައުރުގައި އެގައުމުގައި ބޮޑުވަޒީރުކަން ކުރައްވާނީ، މި އިންތިޚާބުގައި ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ.

ޖަޕާނުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ޝިންޒޯ އަބޭ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ބޮޑިވަޒީކަމަށް ވަޑައިގެންނެވި، ސުގާ، މަގާމުގައި އަހަރެއްހާ ދުވަސް ވީތަނާ ކަހަލަ ގޮތަކަށް، ބޮޑުވަޒީރުކަމަށް ވަޑައި ނުގަންނަވަން ނިންމަވާފައިވާއިރު، ކޯވިޑްގެ ނުރައްކާތެރިކަމުން ގައުމު ސަލާމަތްކުރުމަށް ޖަޕާނުގެ މިހާރުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސުގާގެ މަގޫބޫލުކަން މިހާރު %30 އަށްވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ޚިޔާލު ހޯދުތަކުންވަނީ ދައްކާފައެވެ.

ސުގާގެ ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި އަބޭ މަގާމުން އިސްތިއުފާ ދެއްވީ، މަގާމުގައި ދެމިހުރުމަށް ސިއްޙީ ހާލުކޮޅު ތަން ނުދިނުމާއި ގުޅިގެންނެވެ.

"މިއަދު އޮތް ޕާޓީގެ އެގްޒެކެޓިވް ބައްދަލުވުމުގައި، ޕާޓީގެ ރައީސް ސުގާ ވަނީ، ކޯވިޑް19 އާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަން ދެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ކުރިޔަށްއޮތް ޕާޓީގެ ލީޑަރޝިޕް އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފަ،" އެލްޑީޕީގެ ޖެނެރަލް ސެކެޓްރީ ޓޮޝީހިރޯ ނިކައި ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

"ހަގީގަތުގައިވެސް އަހަރެން މިހިރީ ވަރަށް ދެރަވެފައި، މިއީ ހަގީގަތުގައިވެސް ހިތާމަކުރަންޖެހޭ ނިންމުމެއް. އޭނާވަނީ ވަރަށް ރަގަޅު މަސައްކަތްތަކެއް ކުރައްވާފަ، އަދި ވަރަށް ރަގަޅަށް ވިސްނަވާފަ، ޕާޓީގެ ލީޑަރޝިޕަށް ކުރިމަތު ނުލައްވަން ވަނީ ނިންމަވާފަ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އެތައް ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ، ސުގާގެ މިނިންމެވުން އާންމު ކުރައްވާފައިވަނީ، ސުގާގެ ސަރުކާރުން ކޯވިޑް19 ކާރިސާ މެނޭޖް ކޮށްފައިވާ ގޮތާމެދު ޖަޕާނުގެ އާންމުންގެ މެދުގައި އޮތް ހިންހަމަ ނުޖެހުން ބޮޑުވެ، އޭނާގެ ތާއީދު މިހާތަނަށް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައި ވަނިކޮށެވެ.

އަދި ހަމަ އެއާއެކު، ކޯވިޑް ކާރިސާއާއި ގުޅިގެން ޖަޕާނުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ބޭއްވުމަށް އޭނާ ނިންމެވި ނިންމެވުމާ ގުޅިގެންވެސް ސުގާއަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ޖަޕާނުގައިވަނީ އަމާޒުވެގެން ގޮސްފައެވެ.

މިހިގާ ސެޕްޓެމްބަރު މަހުގެ 30ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެލްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި، އެޕާޓީގެ، ގާނޫނު ހަދާ މަޖިލިހުގައި ތިއްބަވާ ޒުވާން ގިނަ މެމްބަރުންތަކެއް ވަނީ ލީޑަރޝިޕަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.

އަދި ފާއިތުވެދިޔަ މަހު، ޖަޕާނުގެ ކުރީގެ އިންޓާރނަލް އެފެއަރޒް މިނިސްޓަރ ސަނާއި ޓަކައިޗީވެސް ވަނީ އޭނާވެސް ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވަން ގަސްތުކުރައްވާކަން ހާމަ ކުރައްވާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރަކަށް ދެން ވެވަޑައިގަންނަވާނީ، މިހާރު ވެރިކަން ކުރާ އެލްޑީޕީގެ ލީޑަރޝިޕް އިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.