ހެލްތު މިނިސްޓްރީއަށް އޮޅިގެން 17 މުވައްޒަފުންނަށް ކޮންމެ މީހަކަށް މުސާރައިގެ ގޮތުގައި 95،000 ރުފިޔާ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށާއި، އަދި ދުއްޕަރުވެސް، އިންޑިއާ ރައްޔިތުންނަށް ސެކަންޑް ހޯމް އެޅުމަށްޓަކާ ވިއްކާލެވިއްޖެ ކަމަށް ވިދާޅުވެ، ދެން ވިއްކާލަން އޮތީ ދައުލަތް އެކަނި ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅު ވެއްޖެއެވެ.
މުސްތަފާ ވިދާޅުވެފައިވަނީ، އަފްއާނިސްތާނުގައި ވެސް ސަރުކާރެއް ނެތްކަމަށާއި، އެގައުމުގައި މިހާރު އޮތީ އެމީހަކާ އެމީހަކާ ކަމަށެވެ. އެހެންނަމަވެސް އެގައުމުގެ ބިމު އަޑީގައި ވަރަށް ގިނަ މައުދަނާއި މިނެރަލްސް އެބަހުރި ކަމަށާއި، ހަމަ އެގޮތަށް ރާއްޖޭގެ ކަނޑުއަޑީގައިވެސް، ޖަވާހިރާއި ވަރަށް ގިނަ މައުދުންތައް އެބަހުރި ކަމުގައެވެ.
މިގޮތުން މުސްތަފާ ވިދާޅުވެފައިވަނީ، ސަރުކާރުން އެމީހަކަށް ލިބެންވާ އެމީހެއް ހިއްސާ ނެގުން އަވަސްކުރަން ފެންނަ ކަމަށާއި، ދައުލަތް ވިއްކާލައިފިނަމަ، ބަހާލައިގެންވެސް ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށްވެސް މުސްތަފާ ވިދާޅުވެފައި ވެއެވެ.
މިގޮތުން މުސްތަފާ ވަނީ، ބޭންކް އޮފް މޯލްޑިވްސްގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައި ހުރި ފައިސާ ވީހާވެސް އަވަހަކަށް ނެގުން ބުއްދިވެރިކަމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ. އެހެންނޫނީ އަފްއާނިސްތާނު ރައްޔިތުންނަށް މެދުވެރިވެގެން އުޅޭފަދަ ހާލަތެއް މެދުވެރި ވެދާނޭކަމަށް މުސްތަފާ ވިދާޅުވެފައި ވެއެވެ.
ތިމަރަފުށީ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު މުސްތަފާއަކީ، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަޖިލިހުގެ ތެރޭގައި އޭރު މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ.
އަދި މީގެ އިތުރުން މުސްތަފާ ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ސާލިހާ ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގައި، ރައީސް ނަޝީދު ފަޅިއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ