ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމަށް ޤާސިމް އަބްދުލްކަރީމް އައްޔަނުކޮށްފިއެވެ.
އެންއައިސީގެ ރައީސްކަމަށް ޤާސިމް އައްޔަންކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ރައްޔިތުންގެ މަޖިލީހަށް އަންގަވާފައިވާކަމަށް މއިަދުގެ ޖަލްސާގައި މަޖިލީހުގެ ރައިސް ވަނީ ވިދާޅުވެފައެވެ. އެންއައިސީގެ މެންބަރުކަމުގެ މަޤާމަށް ޤާސިމް ހިމެނޭހެން ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ޤާސިމްގެ އިތުރުން ދެން އެކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 ޝުޢައިބު ޢަބްދުއްރަޙްމާނެވެ. އެންއައިސީގެ މެންބަރުކަމަށް ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މިއާއެކު ފަސް މެންބަރުން ތިއްބަވާ އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ޢަދަދު ވަނީ ހަމަވެފައެވެ.
އެންއައިސީއަށް އައްޔަނުކުރެއްވި ޤާސިމް ޢަބްދުލްކަރީމަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ޤާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.
އެންއައިސީއަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
ކޮމެންޓު ފޮނުވާ