އެޓާނީ ޖެނެރަލް އޭޖީ އޮފީހުން މަސައްކަތް ކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަސާސީ ހައްގަކަށް ހުރަސްއެޅުމަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރުން މީރާއަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގެ އިސްތިއުނާފް މަރުހަލާގައި އޮތްއިރު އެ ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެމަނިކުފާނުގެ އިސްތިއުނާފީ ހައްގުތަކަށް ހުރަސްއެޅޭކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާއާ ގުޅޭ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ޔާމީން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން 28 ނޮވެންބަރު 2019 ގައި ޙުކުމްކޮށްފައިވީނަމަވެސް، އެ މުއްދަތުގެތެރޭގައި ފައިސާ ދައްކާފައެއް ނުވާކަމަށެވެ.
ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމަށް ޙުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައި ވާކަމަށް އޭޖީއޮފީހުން ވަނީ ބުނެފައެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ ކުރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކުރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް އެމަނިކުފާނު ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، އެމައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަން މީރާ އާއި ކަމާބެހޭ މުއައްސަސާތަކަށް ލިޔުމުން އަންގާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިދީފައި އޮންނަ ބޭނުމަކީ ވެސް ދަށު ކޯޓުން ނިންމި ނިންމުން އަލުން ބަލައި އެ ނިންމުމެއް ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ހައްގު ލިބިދިނުން ކަމަށް ރައީސް ޔާމިންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އެ ފުރުސަތު ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ވަރަށް ފުޅާދާއިރާއެއްގައި ލިބިދީފައި ވަނިކޮށް، އަދި އެގޮތުގެމަތިން މައްސަލަ އިސްތިއުނާފުކޮށްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާ ގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނުއަސާސީން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ދެކޭކަމަށް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް އޮއްބާލުމުގެ ބޭނުމުގައި ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ވަރަށް ފިނޑި އަމަލެއް ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އޭޖީ އޮފީހުން އެދިފައިވާނީ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5,000,000 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.
ކޮމެންޓު ފޮނުވާ