ފުރަން ތައްޔާރުވެފައިވާ އަފްއާނިސްތާންގެ އާއިލާއެއް އެގައުމު ދޫކޮށް ދިއުމުގެ އިންތިޒާރީގައި

އެއަރ ބީއެންބީން އަފްއާނިސްތާންގެ 20،000 ރެފިއުޖީން ހިލޭ ހޮޓާތަކުގައި ބައިތިއްބައި ދެނީ

އެއަރ ބީއެންބީން އަފްއާނިސްތާންގެ 20،000 ރެފިއުޖީން ހިލޭ ހޮޓާތަކުގައި ބައިތިއްބައި ދެނީ

އަފްއާނިސްތާންގެ 20،000 ރެފިއުޖީން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކުގައި ހިލޭ ބޭއްތިއްބުމަށް ނިންމާފައިވާކަން، އެއަރ ބީއެންބީގެ ސީ.އީ.އޯ އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ހާމަ ކުރައްވާއިފިއެވެ.

"އެމެރިކާގައައި އަދި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައިވެސް، އަފްއާނިސްތާންގެ ރެފިއުޖީން އާބާދު ކުރުވުމަށާއި، ބޭތިއްބުމަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވެފައިވާ އިންސާނީ އެންމެ ބޮޑު އެއް ކާރިސާ. މިކަމަށް އެހީތެރި ވެދިނުމުގެ ޒިންމާއެއް އޮތްކަމުގައި އަހަރެމެން ދެކެން،" އެއަރ ބީއެންބީގެ ސީ.އީ.އޯ ޗެސްކީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަފްއާނިސްތާނުގެ ރެފިއުޖީން ހޮޓާތަކުގައި ތިބުމަށް އެއަރ ބީއެންބީން ފައިސާ ދައްކާދޭނެ ކަމަށާއި، އެހެންނަމަވެސް، މިކަން ހަގީގަތަކަށް ވެގެން ދަނީ، ހޯޓާތައް ހިންގާ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދިއުމުގެ ސަބަބުން ކަމުގައެވެ.

އަދި ޗެސްކީވަނީ، ވަގުތު ބޭކުރެވެން ނެތްކަމުގައި ވިދާޅުވެ، އެހެނިހެން ވިޔަފާރިތަކަށްވެސް، މި ކާރިސާގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވާލާފައެވެ.

ޗުއްޓީ ހޭދަކުރުމަށް ހޮޓާތައް ކުއްޔައްދޭ، މަޝްހޫރު އެއަރ ބީއެންބީ ކުންފުނީގެ ކޯ-ފައުންޑަރއެއް ކަމުގައިވާ ޗެސްކީ ވިދާޅުވެފައިވަނީ، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދަނީ، ކޮމިއުނިޓީ ޕާރޓްނަރުންނާއި އަދި ހިލޭސާބަހަށް މަސައްކަތް ކޮށްދޭ ޖަމްއިއްޔާތާކާ އެނޫންވެސް ތަފާތު ޖަމާއަތްތަކާ ގުޅިގެން ކަމުގައެވެ.

މީގެ އެއް ހަފްތާކުރިން ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު، އެތައްހާސް އަފްއާން ރައްޔިތުންދަނީ ގައުމު ދޫކޮށް ދަމުންނެވެ. އަދި މީގެއިތުރުން، އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ގައުމުން ބޭރުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިން އަފްއާނިސްތާނުގެ ރައްޔިތުން އެގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް އެމެރިކާއާއި އަދި އެނޫން ގައުމުތަކުންވެސް ދަނީ ކުރަމުންނެވެ.

އަދި އެތައްހާސް އަފްއާން ރައްޔިތުންނެއް ދަނީ، އެމެރިކާ ސިފައިން އަގައުމުން ފޭބުމަށް އެއްބަސްވެފައިވާ ތާރީޚު ކަމުގައިވާ 31 އޮގަސްޓުގެ ކުރިން އަފްއާނިސްތާނުން ބޭރަށް ދިއުމަށް މަަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *