އައްޑޫ ރައްޔިތުން އިތުރަށް ލަދުވެތި ނުކޮށް ރަނގަޅުވަނީ ނިޒާރު އެއްފަރާތްވުން: ޖަމީލް

އައްޑޫ ރައްޔިތުން އިތުރަށް ލަދުވެތި ނުކޮށް ރަނގަޅުވަނީ ނިޒާރު އެއްފަރާތްވުން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2021 09:38
0

އައްޑު ސިޓީގެ ރައްޔިތުން އިތުރަށް ލަދުވެތި ނުކޮށް، އެންމެ ރަނގަޅު ގޮތަކީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މަޤާމުން އެއްފަރާތްވުން ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނާިއބް ރައީސް އަހުމަދު އަދީބްއާއި ދެމެދު އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވެފައިވާ ފައިސާގެ މުޢާމަލާތްތަކެއް ލީކުވެފައިވާ މިދަނޑިވަޅުގައި އޭނާގެ ނަޒާހާތް ތެރިކަމާއިމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ. ނިޒާރަކީ ޑިމޮކްރަސީއަށް ލޯބިކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅެއްކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު، މިހާލަތުގައި ރައްޔިތުން ލަދުވެތި ނުކޮށް، މަޤާމުން އެއްފަރާތްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޖަމީލް ވިދާޅުވިއެވެ.

މޭޔަރ އަލީ ނިޒާރުގެ ނަޒާޙާތްތެރިކަމާއިމެދު މިއޮތީ ސުވާލުއުފެދިފައި. ޑިމޮކްރަސީއަށް ވަރަށް ލޯބިކުރައްވާ ކަމަށް ވިދާޅުވޭ. އެ ހަމައަށް ބަލާއިރު އައްޑޫ ރައްޔިތުން އިތުރަށް ލަދުވެތި ނުކޮށް އެއްފަރާތްވާން މިހާރުވެސް ލަސްވެއްޖެ. ދެން ނިމިގެން ދާނީ ހުތުރުކޮށް.

– ޖަމީލް ވިދާޅުވިއެވެ.

ނިޒާރާއި އަދީބް އާއި ދެމެދު ހިނގާފައިވާ މުޢާމަލާތްތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، ފައިސާ ބޭނުންވާކަމަށް އެކިފަހަރު މަތީން ނިޒާރު އަދީބަށް މެސެޖްކޮށް އެދިފައިވެއެވެ. ނަމަވެސް މިހާތަނަށްވެސް މިކަމާއި ގުޅިގެން ނިޒާރު އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. މިއީ ތެދެއްކަމެއްވެސް އަދި ދޮގެއް ކަމެއްވެސް އޭނާ ވިދާޅުވެފައި ނުވެއެވެ.

ލީކް ވެފައިވާ މެސެޖްތަކުގައި 2014 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި، ނިޒާރު ވަނީ ދަރަންޏެއް އަދާކުރުމަށްޓަކައި ވަރަށް ބޮޑު ކަމެއް ކޮށްދެއްވަން ޖެހޭ ކަމަށް ބުނެ އަދީބަށް މެސެޖު ކުރައްވާފައެވެ. އެ މެސެޖުގެ ޖަވާބުގަައި ބޭނުން ވަނީ ކިހާވަރެއްތޯ އަދީބު އައްސަވައެވެ. އެ ވަގުތަށް ބޭނުންވަނީ 250،000 ރުފިޔާ ކަމަށް ވިދާޅުވެ ނިޒާރު އަދީބަށް ޖަވާބު ދެއްވައެވެ.

ނަމަވެސް ފަހުން އަތުން އިތުރު ފައިސާ ބޭނުންވެދާނެ ކަމަށް ނިޒާރުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ނިޒާރު އަދީބަށް ފޮނުއްވި މެސެޖެއްގައި އޭނާ އެމްއެމް އެކްސްޕޯޓުން 50،000 ޑޮލަރު ލޯނެއްގެ ގޮތުގައި ނަންގަވާފައިވާ ކަމަށާއި އެކުންފުނިން މިހާރު ނިޒާރާއި ދެކޮޅަށް ދައުވާ ކުރަން އުޅޭ ކަމަށް ބުނެފައިވެއެވެ. އަދި ދައުވާ ކުރާނެ ކަމުގެ އިންޒާރުދީ އެމްއެމް އެކްސްޕޯޓުން އީމެއިލް ކުރަމުންދާ ކަމަށާއި 70،000 ޑޮލަރުގެ ލޯނެއް އަދީބު އަތުން ލިބިއްޖެނަމަ އެކަންތައް އެއްކޮށް ހަމަޖެހިގެންދާނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ. އޭގެ ޖަވާބުގައި އަދީބު ވަނީ އެދުވަސްކޮޅު ވަރަށް ދަތި ކަމަށާއި އޭގެ އަނެއް ދުވަހު އޮތް އެސްއީޒެޑް ބިލަށް އެމްޑީޕީ އިން ނެރެފައި އޮތް ވިޕާއި ހިލާފަށް ބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ބަލަން އުފެއްދެވި އެސެޓު ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅިގެން ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ ނަން ހިމަނައި އާންމު ކުރި ލިސްޓުގައިވެސް ނިޒާރުގެ ނަން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.