ވަކީލުން ވިދާޅުވަނީ ދައުލަތުން އަލީ ވަހީދު ފްރޭމް ކޮށްފައިވާކަމަށް

ވަކީލުން ވިދާޅުވަނީ ދައުލަތުން އަލީ ވަހީދު ފްރޭމް ކޮށްފައިވާކަމަށް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2021 10:58
0

ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފިއެވެ.

ދައުލަތުން ދައުވާ ކޮށްފައިވާ އަލީ ވަހީދު ތަމްސީލުކުރާ މެކްސީމް ޗެމްބާސް ލޯ ފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި އަލީ ވަހީދާ ދެކޮޅަށް ބޭއިންސާފާއި އަނިޔާވެރިކަން ދައުލަތުން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމް ކޮށްފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލީ ވަހީދާއި ދޭތެރޭ މައިގަނޑު ގޮތެއްގައި ދައުލަތުން ހިންގާފައި ވަނީ ބޭއިންސާފު އަމަލުތަކެއް ކަމަށްބުނެ ވަކީލުން ވަނީ ބައެއް ކަންތައްތައް ނޫސްބަޔާނުގައި ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެއްވެސް ތަހުގީގެއް ކުރުމެއްނެތި، ޖަވާބުދާރީވުމުގެ ފުރުސަތެއް ނެތި ވަޒީރުކަމުން ވަކި ކުރުމާއި، ތަހުގީގުގައި އެއްވެސް ކުށެއްގެ ތުހުމަތު ސާފުކޮށް ދީފައިނުވުން އަދި ޕީޖީ އޮފީހުން އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައިނުވާ ކަމަށްވެސް ވަކީލުން ފާހަގަކޮށްފައިވެއެވެ.

ކުށެއް ކުރެވުނީ ކޮން ފަރާތަކާ މެދު ކިހިނެއްކަން ތުހުމަތު ކުރެވޭ ފަރާތަށް އެނގެން ޖެހޭނެ ކަމަށް ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް ކުށް ކުރި ތަނެއް އަދި ތާރީހު ވެސް އަލީ ވަހީދަށް ސިއްރު ކޮށްފައިވާ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖިންސީ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް އަޑުއެހުންތައް ސިއްރު ކޮށްގެންނެވެ. ނަމަވެސް އޭނާގެ ވަކީލުންގެ ބަޔާނުގައި ބުނީ، އަޑުއެހުންތއް އާންމުންނާއި ނޫސްވެރިންނަށް ހުޅުވައިލަން އަލީ ވަހީދުގެ ފަރާތުން އެދުނަސް އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ކޯޓުތަކަށާއި މީޑިއާ އަށް ދޮގު މައުލޫމާތު ދީ، އޮޅުވައިލަމުންދާ ކަމަށް ބުނެފައިވެއެވެ.

އަލީގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.