އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެގޮތް ދެހަފްތާ ތެރޭގައި ހަމަޖެހޭނެ: ސިޓީ ކައުންސިލް

އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެގޮތް ދެހަފްތާ ތެރޭގައި ހަމަޖެހޭނެ: ސިޓީ ކައުންސިލް

Author
މުޙައްމަދު ޖިމީ
22 އޮގަސްޓް 2021 10:12
0

ކުރިއަށް އޮތް ދެހަފުތާތެރޭގައި ހުޅުމާލޭގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުންމިހެން ބުނެފައިވަނީ، މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ ހުޅުމާލޭ ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައެވެ. ރޭގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު، ވަނީ، ކައުންސިލަށް ޤާނޫނުން ލާޒިމްކުރާ ކަންކަން ރައްޔިތުންނަށް ހާމަކޮއްދެއްވާފައެވެ. އަދި މިހާރު ކަންކަން ހަމަޖެހިފައިހުރިގޮތުން، ސިޓީ ކައުންސިލަށް ގާނޫނުން ލާޒިމްކުރާ ޚިދުމަތްތައް ހުޅުމާލޭގައި ދެމުންދަނީ އެޗް.ޑީ.ސީ އިންކަމަށް ވިދާޅުވެ މިކަން ބަދަލުވާންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހީމް ސުޖާޢު ވިދާޅުވީ ކުރިއަށް އޮތް ދެހަފުތާތެރޭގައި ހުޅުމާލޭގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެކަމަށެވެ. އަދި ހުޅުމާލޭ މަސްވެރިންނަށް، ފަރުމަސްވެރިންވެސް ހިމަނައިގެން މަސްވިއްކޭ ގޮތަށް މަސް މަރުކޭޓެއް އިމާރާތްކުރުމަށް ކައުންސިލް ޖަލްސާއަށް އެޖެންޑާކުރައްވާނެކަމަށެވެ.

ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެރޭ 8:30 ގައި ބޭއްވުނު ގަލޮޅު އަވަށުގެ ބައްދަލުވުމުންނެވެ. އެއަށް ފަހު ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު ބައްދަލުވުން ވަނީ ބާއްވާފައެވެ. މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމާބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މި އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅީ މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.