ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދަޢުވާއުފުލާފައިވާ 4 މީހުންނަށް ވަކީލަކު ހޯދުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.
މެއި 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ދަޢުވާއުފުލާފައިވާ 4 މީހުންނަކީ، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)އެވެ.
މި މައްސަލައިގެ ޝަރީޢަތްތައް މިއަދު ފަސާފައިވަނީ މުއްދަތުގެ މަޖިލީހަށް ހާޒިރުކޮށް ވަގުތު އޮތުމުންނެވެ. މި ޝަރިޢތަތް ކުރިއަށްގެންދިޔައީ ޢާންމުކޮށް ހުޅުވާނުލައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހުންނަށް މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ ޝަރީއަތުން ވަނީ ސާފުކޮށްފައެވެ. ދައުވާ ލިބޭ ހަތަރު މީހުންވެސް ވަނީ ލިޔެކިޔުންތައް ލިބިފައިވާކަމަށް ބުނެފައެވެ.
މި މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމަށް މުޖާޒްއާއި، ތަހުމީން ހާޒިރުކޮށްފައިވަނީ ވަކީލުންނާއިއެކުއެވެ. ނަމަވެސް އަދުހަމް އަހްމަދާއި، އަލީ ހައިޝަމް ވަކީލަކު އައްޔަންކުރަން ބޭނުންވާކަމަށް ބުނުމުން އެމީހުންނަށް ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެއެވެ. މި މައްސަލާގައި ގިނަ ލިޔެކިޔުންތަކެއް ހުރުމުން އެތަކެތި ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށް މުޖާޒް އަހުމަދާއި ތަހުމީން އަހްމަދުގެ ވަކީލުން އެދުމުން ކޯޓުން ވަނީ އެފުރުޞަތުވެސް ދީފައެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ ތެރެއިން އަލީ ޙައިޝަމް ފިޔަވާ އެހެން އެންމެންގެ އެމްމންގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން ކޯޓުން މީގެކުރިން ވަނީ ޖަހާދީފައެވެ. މިއަދުގެ އަޑުއެހުމުގައި މި ތިން މީހުންގެ ބަންދުގެ މުއްދަތު އަލުން ރިވިއުކުރުމަށްފަހު ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓާފައެވެ.
އަލީ ހައިޝަމް މިހާތަނަށް ހުރި 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދައުލަތުން ވަނީ އެނާވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދިފައެވެ. ކޯޓުން ވަނީ އެ އަމަރު ދީފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާކޮށްފައިވާ ހަތަރު މީހުންގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ތިން ފަނޑިޔާރުންގެ ބެންޗެއްވެސް އެކުލަވާލާފައެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއްކަމެއް އަދި ނޭނގެއެވެ.
ދައުވާ އުފުލާފައިވާ އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.
އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.
މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެ ކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ