ތިލަފުށި ގޮނޑުން ދުންއެރުން ހުއްޓުވައި، އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމްކޮށް އޮކްޓޯބަރުމަހުގެ ނިޔަލަށް ދުންއެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން، ރަނގަޅުގޮތެއްގައި ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް ކުރުމަށްޓަކައި އެތަން ރިހެބިލިޓޭޓްކޮށް ރަނގަޅު ގޮތެއްގައި މި މަސައްކަތް މެނޭޖުކުރެވޭނެ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް އެގޮނޑަކީ އެތަކެއް އަހަރު ވަންދެން ކުނިއަޅައި، އަންދަމުންދާ ގޮނޑެއް ކަމުން މި ތަނުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތުގައި ކޮންމެ ވެސް ވަރަކަށް ކޮނެ، ހަދަން ޖެހިދާނެތީ ބައެއް ދުވަސް ދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
"މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށް ވަގުތީ ގޮތުން އުނދަގުލެއް ވެދާނެ ކަމަށް ވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއް ކަން ވެސް ފާހަގަކުރަމެވެެ،" – މިނިސްޓްރީ
މިނިސްޓްރީން ބުނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއި އެކު ވެމްކޯ އާއި ގުޅިގެން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ތިލަފުށީގެ ގޮނޑުން އަރާ ދުން އެރުން ހުއްޓުވާ އަދި އެތަނުގެ ރަނގަޅު މެނޭޖްމެންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމުމަށް ކަމަށެވެ.