އަފްއާނިސްތާންގެ މަޝްހޫރު އަންހެން ޓީވީ ޕްރެސެންޓަރ ޕްރޮގްރާމް ހުށަހަޅާދިނުން ތާލިބާނުން މަނާކޮށްފި

އަފްއާނިސްތާންގެ މަޝްހޫރު އަންހެން ޓީވީ ޕްރެސެންޓަރ ޕްރޮގްރާމް ހުށަހަޅާދިނުން ތާލިބާނުން މަނާކޮށްފި

Author
ހުސެއިން
20 އޮގަސްޓް 2021 07:11
0

ތާލިބާނުން އަފްއާނިސްތާނު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު، އޭނާ، ޓީވީގައި މަސައްކަތް ކުރުން ތާލިބާނުން މަނާ ކޮށްފައިވާ ކަމަށާއި، އަދި އޭނާގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް އެގައުމުގެ މަޝްހޫރު އަންހެން ޓީވީ ޕްރެސެންޓަރ ޝަބްނަމް ދަވްރާން ބުނެފިއެެވެ.

"އަހަރެން އަޑުއެހިން ތާލިބާނުން ކުރިން ގެންގުޅުނު އުސޫލުތައް އެމީހުން  މިހާރު ނުގެންގުޅޭ ކަމުގެ ވާހަކަ. އެހެންކަމުން އަހަރެން އޮފީހަށް ދިޔައީ ވަރަށް އުއްމީދާއެކީ، އެހެންނަމަވެސް، މިހާރުގެ އުސޫލުތަކުގެ ދަށުން ތާލިބާން ސިފައިން އަހަރެންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށެއް ނުދިން. އެމީހުން އަހަރެންނަށް ވަޒިފާ އަދާކުރުމުގެ ފުރުސަތެއް ނުދިން،" އަފްއާނިސްތާނުގެ ދައުލަތުގެ ރޭޑިއޯ ޓީވީގައި "މިލި" ގައި މަސައްކަތް ކުރަމުންދާ ދަވްރާން އޭނާގެ ޓުވިޓަރުގައި ލިޔެފައިވެއެވެ.

"އެމީހުން ބުނީ މިހާރު މިއޮތީ ނިޒާމު ބަދަލު ވެފައި ކަމަށް. އަހަރެންނަށް މަސައްކަތް ކުރުމުގެ ހުއްދަ ނެތްކަމަށް، އެންގީ ގެއަށް ދިއުމަށް. އަހަރެން ދުނިޔޭގެ އެހެން ގައުމުތަކުން އެހީތެރިކަމަށް އެދެން. އަހަރެން ފުރާނައަށް މިވަނީ ނުރައްކާވެފަ،" ދަވްރާން އިތުރަށް ބުނެފައި ވެއެވެ.

އަފްއާނިސްތާންގައި މީގެ 20 އަަހަރު ކުރިން ވެރިކަން ކުރި، ތާލިބާން ޖަމާއަތުން ފާއިތުވެދިޔަ ހަފްތާގައި އެގައުމު އެމީހުންގެ ބާރުގެދަށަށް ގެނައުމަށްފަހު، ވަނީ ކުރިގެ ވެރިކަމުގައި ގެންގުޅުނު ހަރުކަށި އެތަކެެއް އުސޫލުތަކެއް ބަދަލު ކޮށްފިކަމަށް ބުނެފައެވެ.

މިގޮތުން ތާލިބާނުން ބުނެފައިވަނީ، އެއްވެސް މީހެއްގެ ކިބައިން އެމީހުން ބަދަލު ނުހިފާނެ ކަމަށާއި، އަންހެނުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް އެމީހުންގެ ވެރިކަމުގައި ހިތާނެ ކަމަށެވެ.

"އެއްވެސް މީހަކަށް އެއްވެސް ނުރައްކަލެއް ނެތް، އެއްވެސް މީހެއްގެ ދޮރުގައި އެއްވެސް މީހަކު ޓަކި ނުޖަހާނެ،" ތާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އަދި އަފްއާނިސްތާން އެމީހުންގެ ބާރުގެދަށަށް ގެނައުމަށްފަހު އޭގެ ދެދުވަސްފަހުން، އަފްއާނިސްތާނުން ވަނީ، އެގައުމުގެ ޓޯލޯ ނިއުސް ޗެނަލްގެ އަންހެން ޕްރެސެންޓަރަކަށް، ތާލިބާންގެ އޮފިޝަލަކާ އިންޓަވިއު ކުރުމުގެ ފުރުސަތު ދީފައެވެ.

އެހެންނަމަވެސް، އަފްއާނިސްތާނުގެ އަންހެނުންގެ ތެރެއިން ޚާއްސަކޮށް ސިޔާސީ ދާއިރާގައާއި އަދި އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ އަންހެނުން ބުނެފައިވަނީ، ތާލިބާންގެ ވެރިކަމެއްގައި ފުރިހަމަ މިނިވަންކަން ލިބިދީފައި އޮވެދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.