ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށުން ބޭރުމީހުންނަށް ރަށްވެހިކަން ނުވަތަ ރެސިޑެންސީ ދީފިނަމަ އަންނަ އަހަރު ދައުލަތަށް ބޮޑު އާމްދަނިއެއް ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަނި އިތުރުވެފައިވާތީ އެކަމާއި ގުޅޭގޮތުން މަޖިލީހުގެ އެދުމަކަށް ފިނޭންސް މިނިސްޓްރީން ވަނީ 2012 އިން ފެށިގެން 2018 އަށް ދައުލަތުގެ ދަރަނީގެ ތަފްސީލީ ރިޕޯޓެއް އެކުލަވާލާ މަޖިލީހާ ހިއްސާކުރައްވާފައެވެ. މިރިޕޯޓަށް މެންބަރުން ބަހުސްކުރައްވާ ނިންމަވާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އާ ގޮތްތަކެއް ފެނިފައިވާކަމަށެވެ. އެގޮތުން ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި ރިސޯޓް ތަރައްޤި ނުކުރެވި ބޭންކުތަކުގައި ތާށިވެފައި އެބަހުރިކަމަށާއި، އެރަށްތައް ވިއްކާލެވިއްޖެނަމަ އިތުރު އާމްދަނި ލިބި ދައުލަތުގެ ނެޓް ރިޒާވް އިތުރުވާނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
70 އަށްވުރެ ގިނަ ރަށް ރިސޯޓް ހެދުމަށް ދޫކޮށް ފައިވޭ. އެކިއެކި ބޭންކުތަކުގައި ތާށިވެފައިއެބަހުރި އެރަށްތަކުގެ މަސައްކަތް. މިތަންތަން އަލުން އަނބުރާ ވިއްކާލެވޭނެ ގޮތެއް ފަހިކޮށްދެވިއްޖެނަމަ އެބޭންކުތަކަށް މިފެންނެވި 70 އަށްވުރެ ގިނަ ރިސޯޓަކުން ވަންނާނެ އާމްދަނީ ވަރަށް ބޮޑުވާނެ. އެމީހުންގެ ނޮންޕަރފޯމިން ލޯންތަކުގެ ޢަދަދު ކުޑަވެގެންދާނެ. ދިވެހިރާއްޖޭގެ ނެޓް ރިޒާވް އުފުލިގެންދާނެ.
-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެމަސައްކަތްކުރުމަށް މަޖިލީހަށް މިހާރު ހުށައަޅަފައިވާ އިފްލާސްކުރުމުގެ ބިލްގެ މަސައްކަތް އަވަސްކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އިތުރު ޓެކސްއެއް ނުނަގާ އެހެން ގޮތްތަކެއް ހޯދިދާނެކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ޤާނޫނަށާއި، ގެދޮރާއި ބެހޭ ޤާނޫނަށް އިޞްލާހުތަކެއް ގެންނަންޖެހޭކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުންނާއި ރިސޯޓް ހިންގަމުން އަންނަ ރިސޯޓްތަކުގެ ހެޑް ލީސްގެ މުއްދަތަށް، އެރަށްތަކުން ބޭރުގެ ފަރާތްތަކަށް ރެސިޑެންސީ ދޫކުރުމަށް އިޞްލާހު ގެނައުމުން އަންނަ އަހަރު ދައުލަތަށް ބޮޑު އާމްދަނިއެއް ލިބިގެންދާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ގެންގުޅެވޭ އެއް ވިސްނުމަކީ ރިސޯޓްތަކުގެ ހެޑްލީސް ދީފައިވާ ފަރަތްތަކަށް އެމީހުންގެ އެހެޑްލީސްގެ މުއްދަތަށް އެމީހުންގެ ރިސޯޓް ހަދަންދީފައިވާ ރަށުން ނުވަތަ ހަދާފައިވާ ރަށުން ގޯތި ދޫކުރެވޭނެގޮތަށް ޓޫރިޒަމްގެ ޤާނޫނަށާއި ގެދޮރާބެހޭ ޤާނޫނަށް އިސްލާހު ގެނައުން. އެހެންވީމަ ރިސޯޓެއްގަ ބޭރުގެ ފަރާތަކަށް ދާއިމީކޮށް އޭނާއަށް ގެއެއް ބެހެއްޓިދާނެ ތަނެއް ހޯދާފައި ބެހެއްޓިދާނެ. ރެސިޑެންސީއެއް އޭނާއަށް ހޯދިފައި ބެހެއްޓިދާނެ. އެރެސިޑެންސީއަށް ބައެއް ބޭފުޅުންގެ ނަޒަރުގައި އެކަށީގެންވާ އާމްދަނީއެއް މިއަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދިދާނެ.
-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް އެދިވަޑައިގަންނަވާ ގޮތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޓޫރިޒަމްގެ ޤާނޫނަށް އިތުރު އިޞްލާހެއް ގެނެސްގެން އިތުރު އާމްދަނީއެއްގެ ހޯދިދާނެކަމަށް ލަފާކޮށްފަވޭ އިއްޒަތްތެރި މެންބަރުންނާ، ބައެއް ވަޒީރު ބޭފުޅުންނާ، އަދި ރައީސުލްޖުމްހޫރިއްޔާގެވެސް ވިސްނުމުގައި އަޅުގަނޑަށް ފެނިފަ އެބައޮތް ކޮބައިތޯ ދައުލަތަށް އާމްދަނީ އިތުރުކުރެވެން އޮތް ގޮތަކީ. ޓޫރިޒަމްގެ ދާއިރާއިން އިތުރު ޓެކްސްއެއް ނުނަގާ.
-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝިދު ވިދާޅުވީ ދަރަނީގެ ރިޕޯޓަކީ ކަންބޮޑުވާންވީ ރިޕޯޓެއްނޫންކަމަށެވެ. އެރިޕޯޓް އެކުލަވާ ނުލެވުނުނަމަ އެއީ ކަންބޮޑުވާންވީ ކަމެއްކަމަށާއި، މިރިޕޯޓްގެ ސަބަބުން ދައުލަތަށާއި އެހެނިހެން ސިނާއަތްތަކަށް އެކަމުގެ ފައިދާ ކުރާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ