ރާއްޖޭގެ ސޮވެރިން ގެރެންޓީ މިހާރު ރުކު ސިޓީއަށް ވެފައިވާކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ގޮސްދާނެކަމުގެ ބިރު ހީވެފައިވާ މިހާލަތުގައި ރާއްޖޭގެ ސޮވެރިން ގެރެންޓީ ބޭރުގެ ޤައުމުތަކުން މިހާރު ގަންނަން ބޭނުންނުވާކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު އިންތިހާއަށްވެ ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއިމެދު ނުހަނު ކަންބޮޑުވާކަމަށާއި، މިއަދު ރާއްޖޭގެ ސޮވެރިން ގެރެންޓީ ވެފައިވަނީ ރުކު ސިޓީއަކަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ޗައިނާގެ ބޭންކުތައްވެސް ރާއްޖޭގެ ސޮވެރިން ގެރެންޓީ ގަންނަން ބޭނުން ނުވޭ. އެވަނީ "ރުކު ސިޓީ" އަށް.
– މުސްތަފާ ވިދާޅުވިއެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް) ސަރުކާރުން ޖަމާކުރި ފައިސާގެ މިންވަރު މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަނީ ބޮޑުތަނުން މަދު ވެފައެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 1 ޖެނުއަރީ 2021 އިން ފެށިގެން 29 ޖުލައި ގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ 159.2 މިލިއަން ރުފިޔާއެވެ. ފާއިތުވި 2020 ވަނަ އަހަރުގެ އެ މުއްދަތުގައި 445.2 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައިވެއެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 286 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ސޮވެރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ އެކިއެކި މަޝްރޫއުތަކަށް ނަގާ ލޯނު ދެއްކުމަށްޓަކައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑަށް ލާރި ޖަމާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނެގޭ އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާޖް (އޭޑީސީ) އިންނާއި ވެލާނާ އެއަރޕޯޓުގެ އެކި އެކި ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ. ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރު އޭޑީސީގެ ގޮތުގައި ނަގެއެވެ.
ކޮމެންޓު ފޮނުވާ