ދައުލަތުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކެއް ސާފުނުވާކަމަށް ދިފާއީ ވަކީލުން ވިދާޅުވުމުން މިއަދުވެސް ނިހާގެ ޝަރީއަތް ކުރިއަށް ދާ ގޮތެއް ނުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު އުފުލާފައިވާ ދައުވާތަކުގ ޝަރީއަތުގައި މިއަދު ކްރިމިނަލް ކޯޓުގައިތާވަލްކޮށްފައި އޮތީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.
ނިހާންގެ ދިފާއީ ވަކީލް ދާޅުވީ ދައުލަތުގެ ފަރާތުން ސީޑީއެއްގައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ހުށަހަޅާފައިވާއިރު އެ ސީޑީ ނުހުޅުވޭ ކަމަށެވެ. އަދި ހާޑްކޮޕީގެ ބައެއް ލިޔެކިޔުންތައް ކިޔަން ނޭނގޭ ކަމަށެވެ. އެހެންކަމުން ގާޒީ އަލީ އާދަމް ވަނީ އަނެއްކާވެސް ލިޔެކިޔުންތަކުގެ ހާޑުކޮޕީ ދިފާއަށް އަދި ޝަރީއަތަށް ހުށަހެޅުމަށް އަންގަވާފަ އެވެ. ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ދައުލަތަށް ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީސް ބާއްވާނީ ހުރިހާ ފަރާތަކުން ކޯޓަށް ހާޒިރުވެގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވާނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެެދުމުގެ ކުށުގެ 2 ދައުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުޤީގަށް ނީހާނާއި އެނާގެ އައިލީ ބައެއް މެމްބަރުންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ނިހާންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ދަޢުވާގައިވަނީ 2014ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.
އެކިއެކި ކުށްކޮށްގެން ލިބިގަނެފައިވާ މުދަލާއި ފައިސާގެ މައްސަލަތަކުގެ ތެރެއިން އަނބުރާ ދައުލަތަށް ނަގުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ ތަކެތީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާނު ހުސައިން މަނިކުގެ އެޕާޓްމަންޓަކާއި އޭނާއަށް ނިސްބަތްވާ ރޮލެކްސް ގަޑިއެއްވެސް ހިމެނޭކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.